25 Mar 2012, 10:26
މިހާރު ކަންތައް ހިނގާ ގޮތަށް ބަލާއިރު ސަރުކާރުގެ ރަސްމީ ގަޑި ބަދަލު ކުރުމަކީ އެއް ސަރުކާރުން އަނެއް ސަރުކާރަކަށް ބަދަލުވުމުގެ ސިފަޔަކަށް ވަނީ ބެލެވިފަ އެވެ. ރައީސް މުހަންމަދު ނަޝީދު ރައީސް ކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ވެސް ކުރެއްވި އެއް ކަމަކީ ސަރުކާރު މުވައްޒަފުންގެ ރަސްމީ ގަޑި ހެނދުނު އަށަކުން ހަވީރު 4:00 އަށް ބަދަލުކުރެއްވުމެވެ.
ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވެރިކަމަށް ވަޑައިގަތުމާއެކު އަނެއްކާވެސް ރަސްމީ ގަޑި ބަދަލު ކުރެއްވީ އެވެ. ހެނދުނު އަށަކުން މެންދުރު ފަހު 3:00 އަށެވެ. ދެ ރައީސުން ރަސްމީ ގަޑިއަށް ގެންނެވި ދެ ބަދަލާ ގުޅިގެން އެއްކޮޅަށާއި ދެކޮޅަށް ވެސް ވާހަކަ ދެކެވެ އެވެ. އެކަމަކު މި ގަޑިތަކާ ގުޅިފައިވާ އިގްތިސޯދީ ވާހަކަ ވަރަށް ނުދެކެވެ އެވެ. އެއީ ތަންކޮޅެއް ތަފާތު ވާހަކައެކެވެ.
މަސައްކަތް ކުރަންޖެހޭ ވަގުތުން އެއްގަޑިއިރު މަދުކޮށް ބްރޭކަށް 30 މިނެޓް ދިނުމުގައި ސަރުކާރުގެ ވިސްނުން ހުރީ ހަރަދު ކުޑަކުރުމަށެވެ. އަބަދުވެސް ބޮލުގެ ރިހުމަކަށްވެފައި އޮންނަ ރިކަރަންޓް ހަރަދު ނޫނީ ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމެވެ. އަދި އިގްތިސޯދުގެ އެންމެ މުހިންމު އެއް އަސާސް ފުދުންތެރި އިގުތިސޯދެއް ގާއިމްކުރުމެވެ.
"އޭގެ ސަބަބުން ރިކަރަންޓް ހަރަދުތަށް ކުޑަވެގެން ދާނެ. މިސާލަކަށް ކަރަންޓް ބިލް، ދެންވެސް އޮފީސް ހިންގުމަށް ހިނގާ ހަރަދުތައް. އޭރުން ދައުލަތުގެ ބަޖެޓުން ރިކަރަންޓް ހަރަދަށް ލުޔެއް ލިބިގެންދާނެ. ދައުލަތުގެ މުވައްޒަފުން ކަމެއް ނެތި ތިބޭ ތިބުމުގެ ބަދަލުގައި އޮފީހުގައި މަސައްކަތްކޮށް މަސައްކަތްތައް އަވަސް ކުރުމަށް ކުރި އެރުމެއް ލިބިގެންދާނެ،" ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި އެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދަށް މަހެއްގެ މައްޗަށް 1.7 ބިލިއަން ރުފިޔާ ހަރަދުކުރަންޖެހެ އެވެ. އޭގެތެރެއިން 765 މިލިއަން ރުފިޔާއަކީ މުވައްޒަފުންނަށް ހިނގާ ހަރަދެވެ. އަދި އޮފީސް ހިންގުމަށް 922 މިލިއަން ރުފިޔާ ދައުލަތުން މަހަކު ހަރަދުކުރަންޖެހެ އެވެ.
މި ހިސާބުތަކުގެ މައްޗަށް ބުރަވާއިރު ނުކުންނަ އެހެން ސުވާލުތަކެއް އެބަހުއްޓެވެ. ސަރުކާރުގެ ގިނަ އޮފީސްތައް ވަގުތަށް ނިމޭ ބާއެވެ؟ އެ ބަދަލުގެ ސަބަބުން އިތުރުގަޑިއަށް މުވައްޒަފުންނަށް ދޭންޖެހޭ ފައިސާ ވެސް އިތުރުކުރަން ޖެހޭ ނޫންހެއްޔެވެ؟ ހަމައެހެންމެ ރިކަރަންޓް ހަރަދުތައް ކުޑަވާނެ ބާއެވެ؟
މިނިސްޓާ ޖިހާދުގެ ނަޒަރުގައި ގަޑި ބަދަލުކުރުމަކީ ހަރަދުތައް ކުޑަވުމުގެ އަސްލެއް ނޫނެވެ. އެހެން ވާކަށްވެސް ނުޖެހެ އެވެ. އޭގެ ބަދަލުގައި ޖެހެނީ ހަރުދަނާ ހަރުދަނާ އެހެން ފިޔަވަޅުތަކެއް އަޅާށެވެ. މިނިސްޓަރުގެ ނަޒަރުގައި މުވައްޒަފުންގެ މަސައްކަތުގެ ސްޕީޑާއި މުވައްޒަފުންގެ ކޮލިޓީ ރަނގަޅުކޮށް މަސައްކަތް އަވަސްކުރަންޖެހެ އެވެ. މުވައްޒަފުން މަސައްކަތުގައި ބައިވެރިވެ އުޅޭ ވަގުތު ގިނަ ކުރަންޖެހެ އެވެ.
"އޭރުން އެ މައްސަލައެއް ނުނުކުންނާނެ. ޕާމަނެންޓް ސެކްރެޓަރީންނާއި އަޅުގަނޑުމެން މަޝްވަރާ ކުރިން. އެބޭފުޅުން އޭރުވެސް ފާހަގަކުރެއްވި އެ މައްސަލަތަށް. އެބޭފުޅުން ވިދާޅުވި މުވައްޒަފުންގެ ވާކް ސްޕީޑު އިތުރުކުރެވޭނެ ކަމަށް. އޭރުން ކުރިންހެން ކަމެއް ނެތި އޮފީހުގައި ތިބޭ ތިބުމަށް ނިމުމެއް އަންނާނެ. މީގައި ޕާމަނެންޓް ސެކްރެޓަރީން މަސައްކަތްތައް ރާވާލައި ގޮތުން އެ އޮންނަ ވަގުތަށް މަސައްކަތްތައް ނިންމާލެވޭނެ. އެ ބޭފުޅުން އެކަމުގައި ޕޮޒިޓިވްކޮށް ތިއްބެވީ،" ޖިހާދު ވިދާޅުވި އެވެ.
ގަޑި ބަދަލުކުރުމަކީ ކޮންމެ ވިސްނުމެއްގައި އެޅި ފިޔަވަޅަކަށް ވިޔަސް މީގެ ނަތީޖާ ނުއަތުބުރެއް އެޅުމަކީ ވެސް ވެދާނެ ގޮތެކެވެ. އިގްތިސޯދީ ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ ވެދާނެ ގޮތެކެވެ. މާނައަކީ މުޅި އެ ބަދަލުގެ މިސްރާބު ނާޖާއިޒު ފައިދާތަކެއްގެ މައްޗަށް ފުރޮޅިގެން ދިއުމެވެ. ބަދަލު ގެނައި ނަމަވެސް އެއީ ސަރުކާރު ވެސް ވިސްނާފައި އޮތް ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ރަސްމީ ގަޑި ބަދަލު ކުރަން ނިންމި ހިސާބުން ފެށިގެން ސަރުކާރާއި ސިވިލް ސާވިސްއާ ދެމެދު ހިނގައިދިޔަ ވާހަކަތަކަކީ އެފަދަ ވާހަކަތަކަށް ވުމީ ވަރަށް އެކަށީގެނަވާ ކަމެކެވެ.
"މިސާލަކަށް ވިސްނަވާ ވެލާނާގެ، އެތަނުގައި ހުންނަ އޮފީސްތަކުގައި ގިނަ މަސައްކަތްތައް ހުންނާނެ. އެ މަސައްކަތްތައް ވަގުތަށް ނުނިމެންޏާ ހަމަ އެއްކަލަ އޮފީސް ހުޅުވާފައި ހުންނާނީ ދެއްތޯ. އޭރުން ވަކި ކަރަންޓް ބިލަށް ލިބޭނެ ލުޔެއް ނެތް. ދެން އެންމެ ގަޑިއިރެއް މަދުކުރުން އެއިން ލިބޭނެ ލުޔެއްވެސް ނެތް،" ނަން ނުޖެހުމަށް ޝަރުތުކުރައްވާ އިގްތިސޯދީ މާހިރަކު ވިދާޅުވި އެވެ. ހަގީގަތުގައި ވެސް އެއީ ގަޑީގެ ބަދަލުގެ ސަބަބުން މައްސަލަތަކެއް ނުކުތުމަކީ އެކަށީގެންވާ ކަމެކެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހަންމަދު ފަހުމީ ހަސަން ވިދާޅުވާ ގޮތުން ބަދަލުގެ ސަބުން ހުރީ ހުސް ރަނގަޅެވެ. ފަހުމީ ވިދާޅުވީ ސިވިލްސާވިސްގެ މުވައްޒަފުންނަށް ލުޔެއް ލިބުމުގެ އިތުރަށް "ދުޅަ ހެޔޮ" ސިވިލްސާވިސްއެއް ބިނާވެގެން ދިޔުމަކީ އިގްތިސޯދަށް ހުރި އެންމެ ބޮޑު ރަނގަޅެކެވެ. އަދި ބަޖެޓަށް އެތައް ތަނަކުން ލުއިވާނެ ކަމަށް ވެސް ފަހުމީ ޔަގީން ކުރައްވަ އެވެ.
"އޭރުން މުވައްޒަފުންނަށް މަސައްކަތުގެ ތެރެއަށް ބޮޑަށް ވަދެގެން މަސައްކަތް ކުރުމަށް ފުރުސަތު ލިބޭނެ. އޭރުން ސްޕީޑު އަވަސްކޮށް މަސައްކަތް ވަގުތަށް ނިންމޭނެ. އެ ފެންވަރު އަޅުގަނޑުމެންގެ ސިވިލްސާވިސްގައި އެބަހުރި. މިހާރުވެސް ހަމަ ގިނަ އޮފީސްތަކުން މަސައްކަތްތައް އެވަގުތަށް ނިމޭ. އެހެން ވީމަ އިތުރު ގަޑިއަށް ފައިސާ އިތުރަށް ވަކި ކުރިން ހަރަދު ނުކުރާ އެއްޗެއް ހަރަދުކުރާކަށް ނުޖެހޭނެ،" ފަހުމީ ވިދާޅުވި އެވެ.
މި މައްސަލައިގެ އަނެއް ފަރާތަށް ވާހަކަދައްކާ އިގްތިސޯދީ ބޭފުޅުންގެ ނަޒަރުގައި ސިވިސްސާވިސްގެ މުވައްޒަފުން ޕްރައިވެޓް ސެކްޓާއަށް ނުކުތުމަކީ "އަންއެމްޕްލައިމަންޓް" ނޫނީ ވަޒީފާ ނެތް މީހުންގެ ނިސްބަތަށް އިތުރު ބުރަ އެކެވެ. އެބޭފުޅުންގެ ނަޒަރުގައި ސިވިލްސާވިސް މުވައްޒަފުން ޕްރައިވެޓް ސެކްޓާގެ ވަޒީފާ ތަކަށް ނުކުތުމަކީ ރާއްޖޭގައި ވަޒީފާނެތް މީހުންގެ ނިސްބަތް އިތުރުވެގެން ދިޔުމުގެ ސަބަބަކަށް ވެދާނެ އެވެ.
"އަސްލު ވަރަށް ބޮޑު އާދައެއް ދިވެހިންގެ ތެރޭގައި އެއީ އަނެއްކާ އިތުރު ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރުން. އެ އާދައަށް އެބަ އެންކަރޭޖް ކުރެވޭ. އޭގެ ސަބަބުން ދެން ނުކުންނާނެ މައްސަލައަކީ މިހާރުވެސް އެއްކަލަ ވަޒީފާ ހޯދަން މިއުޅޭ ކުދިން ބާކީވުން. އެއީ ސިވިލްސާވިސް މީހުން އެކްސްޕީރިއަންސްވެފައި ސްކިލް ހުންނާނެ. އެހެންވީމަ އެއްކަލަ އަލަށް ކޮންމެ އަހަރަކު [ވަޒީފާގެ ބާޒާރަށް] ނުކުންނަ ކުދިންނަށް އޮންނާނީ ވަޒީފާއެއް ނުލިބިފައި،" ކުރިންވެސް ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ސަރުކާރުގެ ގަޑި ބަދަލުކުރުމަކީ މުވައްޒިފުންނަށް ލުޔެކެވެ. ސަރުކާރަށް ވެސް ލިބޭ ޕްލަސް ޕޮއިންޓެކެވެ. ސިޔާސީ ވިސްނުމުންނަމަ ސިވިލްސާވެންޓުގެ ސަޕޯޓް ސަރުކާރަށް ލިބޭނެ ބަދަލެކެވެ. އެކަމަކު މިއީ ސަޕޯޓް ހޯދުމާ އަތުލުމުގެ ދަނޑިވަޅެއްތޯ ސުވާލު އުފެދެ އެވެ. މިވަގުތު ވިސްނަންވީ އިގްތިސޯދީ ވިސްނުމަކަށް ނޫންތޯ ސުވާލު އުފެދެ އެވެ. ނަމަވެސް އެ މައްސަލަތަކަށް އެޑްރެސް ކުރެވޭތަނައް އެހާ ބޮޑަކަށް ނުފެނެ އެވެ. އެމަގަށް ދިޔުމަށް ސިވިލް ސާވެންޓުން ވެސް އަދި ސަރުކާރުގެ އިގްތިސޯދީ ވިސްނުން ވެސް މިވަގުތު ކުރިއަށް ނެރެންޖެހޭ ކަމަށް އިގްތިސޯދީ ބޭފުޅުން ގަބޫލު ކުރައްވަ އެވެ.
"ހުރިހާ ބޭފުޅުން ގުޅިގެން، ސިވިލްސާވިސް އާއި ސަރުކާރާއި މުވައްޒަފުން މި އެންމެން ގުޅިގެން މި ބަދަލުގެ ހެޔޮ ފައިދާ ފެންނާނެ،" ފިނޭންސް މިނިސްޓާ ވިދާޅުވި އެވެ.