މިއަހަރުގެ ހައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ފަސް ބޭފުޅުން އިއްޔެ ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ހައްޖު މިޝަންއަކީ ރާއްޖެއިން ކޮންމެ އަހަރަކު، އެއަހަރަކު ހައްޖަށްދާ މީހުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ސަރުކާރުން އެކުލަވާފައިވާ ޚާއްސަ މިޝަނެކެވެ. އެ މިޝަންއިން ސަޢުދީ ޢަރަބިއްޔާގައި ޤާއިމްވެ، ރާއްޖެއިން އެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރަން ސަޢުދީ އަރަބިއްޔާ ދާ ހަޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދޭނެއެވެ.

މިއަހަރުގެ ހައްޖު މިޝަންގައި ހިމެނިވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓްރީގެ ފަސް ބޭފުޅުންނެވެ.

މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އިސްލާމިކް މިނިސްޓަެރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

މިއަހަރު ހައްޖާޖީން ފުރަން ފަށާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ.

މިފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގައެވެ. އެއީ ޖޫންމަހުގެ 26ވަނަ ދުވަހާއި، 29ވަނަ ދުވަހާއި، ޖުލައި މަހުގެ 2ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ ހަމައެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީސަރުކާރުން އެހެން ނިންމީ މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާޢަތްތަކަށް ހުޅުވާލައިގެން، ޕްރޮޕޯސަލް ހުށަހަޅައި އިވެލުއޭޓު ކުރުމަށް ވަގުތު ނެތުމުންކަމަށެވެ.