އަންނަ މަހު ބާއްވާ މާފަރު ކައުންސިލްގެ ބައި އިލެކްޝަނުގައި އެމްޑީޕީން ވާދަކުރާނެ ކެޑިޑޭޓަކަށް މާފަރު ހީނާމާގޭ، މުހައްމަދު އަބްދުލް ގަނީ އިންތިހާބުވެއްޖެ އެވެ.

އިއްޔެ އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ވާދަކުރީ ދެ ފަރާތަކުންނެވެ. އޭގެތެރެއިން މުހައްމަދު އަބްދުލް ޣަނީއަށް 96 ވޯޓް ލިބިފައިވާއިރު އޭނާއާ ވާދަކުރި އެރަށު ކަޝްމީރު މުހައްމަދު ސަމީރަށް ލިބުނީ 21 ވޯޓެވެ.

މާފަރު ކައުންސިލްގެ ބައި އިލެކްޝަން އިއުލާނުކުރީ މާފަރު ކައުންސިލްގެ ރައީސްއަކަށް ހުންނެވި އެމްޑީޕީގެ މެންބަރު އަންވަރު އަބްދުލް ޢަނީ އެމްޑީޕީން ވަކިކުރުމާ ގުޅިގެން އެ ގޮޑި ހުސްވުމެވެ.

މާފަރު ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ޝެޑިއުލްކޮށްފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.

މިދިޔަ ހަފްތާގައިވެސް މާފަރު ކައުންސިލްގެ ބައި އިލެކްޝަނެއް ވަނީ ބާއްވާފަ އެވެ. އެ ބައި އިލެކްޝަންގެ ކާމިޔާބު ކުރީ އެމްޑީޕީން ވާދަކުރެއްވި އަބްދުލް މާޖިދު އެވެ.