ސްރީލަންކާގައި މިހާރު ތެޔޮ ހުރީ ހަތަރު ދުވަހަށްވާ ވަަރަށް ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ލަންކާގެ ޕަވާ އެންޑް އެނާޖީ މިނިސްޓަރު ކަންޗަނާ ވިޖެސެކަރަ އިއްޔެ ވިދާޅުވީ އެގައުމަށް ތެޔޮ ސަޕްލައިކޮށްދޭ ކުންފުނިތަކަށް ދައްކަން ޖެހޭ 725 މިލިއަން ޑޮލަރު، ބޭރު ފައިސާ ނެތުމުގެ ސަބަބުން ނުދެއްކޭ ކަމަށެވެ. އަދި ތެލުގެ އިތުރު ޝިޕްމެންޓުތަކަށް ފައިސާ ދެއްކޭނެ ކަމުގެ ގެރެންޓީ ދޭނެ ގޮތެއް ވެސް ހޯދަން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބޭރު ފައިސާގެ މައްސަލައިގެ ސަބަބުން ތެޔޮ ހޯދަން ވަނީ ދަތިވެފައި، ސަރުކާރުން ދަނީ މިހާރު ހުރި ޑީސެލާއި ސްޓޮކް މިމަހުގެ 21އާ ހަމައަށް މެނޭޖް ކުރަން މަސައްކަތްކުރަމުން،" ކަންޗަނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ޕެޓްރޯލް ޝިޕްމަންޓެއް ލިބޭނެ ކަމަށާއި އަދި އަށް ދުވަހުގެ ތެރޭގައި އިތުރު ދެ ޝިޕްމެންޓް ލިބޭނެ ކަމަށެވެ.

ލަންކާއިން އުންމީދު ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ވަރަށް އަވަހަށް ހަމަޖައްސައިދޭނެ ކަމަށެވެ. އެގައުމުން ނިންމާފައި އޮތީ އެ ފައިސާ ތެލަށް ހަރަދުކުރުމަށެވެ.

މިހާރު ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެއް ގައުމަކީ އިންޑިއާއެވެ. އެގޮތުން މިހާތަނަށް އިންޑިއާއިން ތިން ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އަސާސީ ތަކެތި އިމްޕޯޓު ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދީފައިވެއެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެފައި ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދިގު މުއްދަތަކަށް އެގައުމުގެ ބަންދުކޮށްފައި އޮތުމުން، ފަތުރުވެރިކަން ހުއްޓި، ބޭރު ފައިސާ ނުލިބޭ ގޮތް ވުމުންނެވެ. އޭގެ ސަބަބުން އެގައުމަށް އެތެރެ ކުރަން ޖެހޭ ކާބޯތަކެއްޗާއި ބޭހަށް ވެސް ފައިސާ ނުދެއްކި، އަސާސީ ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ.