ގއ. ދާންދޫގައި ދިރިއުޅޭ ބިދޭސީން ކުރާ މަސައްކަތަށް ދުވަހުގެ އުޖޫރަ ކަނޑައެޅުމުގެ އުސޫލެއް އެރަށު ކައުންސިލުން އެކުލަވާލައިފިއެވެ.

ދާންދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ގަވާއިދު ފާސްކޮށްފައިވަނީ އެރަށު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 52ވަނަ އާންމު ޖަލްސާގައި ކަމަށެވެ. އެ ގަވާއިދަށް އިއްޔެ ވަނީ އަމަލުކުރަން ފަށާފައެވެ.

އެ ގަވާއިދުގައި ވަނީ ދާންދޫގައި ކުރާ ހުރިހާ މަސައްކަތްތަކެއް އެސްޓިމޭޓް އުސޫލުން ކުރެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި އެ ރަށުގައި ދިރިއުޅޭ އެއްވެސް ބިދޭސީއަކަށް ދެން އެސްޓިމޭޓް އުސޫލުން މަސައްކަތް ނަގައިގެން މަސައްކަތްކުރުން މަނާވާނެކަމަށް އެ ބަޔާނުގައިވެއެވެ.

އެ އުސޫލުގެ ދަށުން ގެދޮރު އިމާރާތްކުރާ ބިދޭސީންނަށް ދެވޭނީ ދުވާލަކު 250 ރުފިޔާއާއި 300 ރުފިޔާއާ ދެމެދުގެ އުޖޫރައެކެވެ. އަދި އާންމުންގެ ގޯތިގެދޮރުގައި ހުންނަ ރުއްގަސް ކަނޑާ ސާފުކުރުމާއި ގޯތިގެދޮރު ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާ ބިދޭސީންނަށް ދެވޭނީ ދުވާލަކު 250 ރުފިޔާއާއި 800 ރުފިޔާއާ ދެމެދުގެ އުޖޫރައެކެވެ.

ރަށުގެ އާންމު ރައްޔިތުންނަށް ކޮށްދޭ ކުދިކުދި މަސައްކަތްތަކަށް ދެވޭނީ ދުވާލަކު 20 ރުފިޔާއާއި 150 ރުފިޔާއާ ދެމެދުގެ އުޖޫރައެކެވެ. ނަރުދަމާއާއި ޖަންގްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތަށް ދެވޭނީ ދުވާލަކު 10 ރުފިޔާއާއި 300 ރުފިޔާއާ ދެމެދުގެ އުޖޫރައަކެވެ. އަދި ފައިބަރު މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުންނަށް ދެވޭނީ ދުވާލަކު 300 ރުފިޔާއެވެ.

އެ އުސޫލުގައިވާ ގޮތުން ބިދޭސީން ލައްވާ މަސައްކަތް ކުރުވޭނީ ދުވާލަކު ޖުމުލަ އަށް ގަޑިއިރެވެ. އަދި އެ މަސައްކަތް ކުރާވަގުތި އެއް ގަޑިއިރުގެ ހުސް ވަގުތުކޮޅެއް ދޭންޖެހޭނެއެވެ.

މީގެ އިތުރުން ދާންދޫ ކައުންސިލުގެ އިހުތިޞާސު ހިމެނޭ ފަޅުތެރެއިން ދޮންވެއްޔާއި ކަށިވެލި ނެގުމުގެ މަސައްކަތުގެ އަގު މިން ކުރެވޭނެ ގޮތް ވެސް އެ ގަވާއިދުގައިވެއެވެ. އެގޮތުން ކޮންމެ ދޮންވެލި ބަސްތާއެއް ވިއްކޭނީ އަށް ރުފިޔާއަށެވެ. ކަށިވެލި ބަސްތާއެއް ވިއްކޭނީ 25 ރުފިޔާއަށެވެ. އަދި ކޮންމެ ދޮންވެލި އަދި ކަށިވެލި ބަސްތާއަކަށް އެއް ރުފިޔާގެ ފީއެއް ކައުންސިލަށް ދޭން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.

މި ގަވާއިދާ ޚިލާފުވެއްޖެނަމަ 500 ރުފިޔާއާއި 5،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ. އަދި ގަވާއިދާ ހިލާފަށް ރަށުގައި އުޅޭ ކަމުގެ ކުށުގައި ފުލުހުންނާ ވެސް ހަވާލުކޮށް، އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ އެމީހަކާ ދެކޮޅަށް ކޯޓުގައި ދައުވާކޮށް، އެ ފައިސާ އެއް ފަހަރާ ހޯދާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.