25 Mar 2012, 09:35
މާލެ އިން ފުރައިގެން 31 މީހުންނާ އެކު ތ. ބުރުންޏަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވެގެން އަޑިއަށް ދަނިކޮށް ކޯސްގާޑުން ސަލާމަތްކޮށްދީފި އެވެ.
އެމްއެންޑީއެފުން ބުނީ ގިނަ އަދަދެއްގެ މުދާ ވެސް ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އެ ދޯނީގައި ކުޑަ ދެ ކުދިން ވެސް ތިބި ކަމަށާއި ކޯސްޓްގާޑަށް އެ ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ އެ އަތޮޅު ފުއްސަރު ކައިރީގައި ދޯނި އޮއްވައި ރޭގެ ވަގުތެއްގައި ކަމަށެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު ކޯސްގާޑުން އެ ސަރަހައްދަށް ގޮސް މީހުންނާއި މުދާ ސަލާމަތްކުރުމަށް ފަހު، ދޯނި ދިޔަ ހިއްކުމަށް ފަހު ތ. އަތޮޅު ބުރުންޏަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ދޯނީގެ ސާފް ބިންދައިގެން ދިއުމުން ކަމަށެވެ.
އެ ހާދިސާގައި ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި ދޯނިން ގެންދިޔަ އެއްވެސް މުދަލަކަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ފަސް އަންހެނުންނާއި 26 ފިރިހެނުން ތިބި " ރިޝްވާ" 6 ނަމަކަށް ކިޔާ އެ ދޯނީގައި މައިގަނޑު ގޮތެއްގައި ހުރީ ސިމެންތި އާއި ކާޑުގެ ބާވަތްތަކުގެ އިތުރުން ގޭސްފުޅި އެވެ.