17 Jun 2022, 01:37
މާލޭ މީހުން ޕިކްނިކް ދިއުމަށް ތަރައްގީކުރާ ކ. ކުޑަގިރީގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއްޔެ ބައްލަވާލައްވައިފިއެވެ.
ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރު ބައެއް ކުންފުނިތަކުގެ ބޮޑުން ވެސް ހިމެނޭހެން ކުޑަގިރިއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ޤާއިމުކުރަމުންގެންދާ ވަޞީލަތްތަކުގެ މަސައްކަތް ހިނގަމުންދާގޮތް ވަނީ ބައްލަވާލައްވާފައެވެ.
އެގޮތުން އެރައިވަލް ޖެޓީއާއި، އެރަށަށް ދަތުރުދާ މީހުންނަށް މެހްމާންދާރީ އަދާކުރުމަށް ތަރައްޤީކުރާ ރިސެޕްޝަނާއި، މިސްކިތް ޢިމާރާތާއި ޕަވާހައުސްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތްތައް ވަނީ ބައްލަވާލައްވާފައެވެ.

ކުޑަގިރީގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް އެރަށަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
މީގެ އިތުރުން ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްވެސް ބައްލަވާލެއްވުމަށްފަހު ކުޑަގިރި ތުނޑީ ސަރަޙައްދަށް ވަޑައިގެން ކޭމްޕް އައިލެންޑް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ރައީސް ބައްލަވާލެއްވިއެވެ.

ކުޑަގިރީގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް އެރަށަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށްޓަކައި ބިން ހިއްކާފައިވަނީ އެމްޓީސީސީ ގެ ފަރާތުންނެވެ. އަދި މިރަށް ތަރައްޤީކުރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރަމުންގެންދަނީ ސަރުކާރު ޙިއްޞާވާ ފަސް ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.
އެގޮތުން ކުޑަގިރީގައި މިސްކިތް ބިނާކޮށްފައިވަނީ ފެނަކައިންނެވެ. އަދި އެރަށުގައި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރީ ސްޓެލްކޯއިންނެވެ.