25 Mar 2012, 09:14
ސަލާމަތީ ކަންތައްތައް އެންމެ ބޮޑަށް ވަރުގަދަކޮށްފައިވާ ދެކުނު ކޮރެއާ އާއި އުތުރުކޮރެއާ ގުޅޭ ސަރަހައްދީ ރޮނގަށް އެމެރިކާގެ ރައީސް ބަރަކު އޮބާމާ އިއްޔެ ވަޑައިގެންފި އެވެ.
އޮބާމާ އެ ސަރަހައްދަށް ވަޑައިގެންނެވީ އެމެރިކާގެ އެކުވެރި ދެކުނު ކޮރެއާއަށް ހެޔޮ އެދިވަޑައިގަންނަވާކަން ހާމަކުރެއްވުމަށާއި އުތުރު ކޮރެއާގެ އާ ޒައީމް ކިމް ޖޮން އަން އަށް މެސެޖެއް ދެއްވުމުގެ ގޮތުން ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ބުންޏެވެ.
ދެކުނު ކޮރެއާގައި މިހާރު ބާއްވާ ގްލޯބަލް ސަމިޓް އޮން ނިއުކްލިއަ ސެކިއުރިޓީ ގައި ބައިވެރިވެވަޑައިގެންނެވުމަށް ދެކުނު ކޮރެއާއަށް ވަޑައިގެން އުޅުއްވަމުން އޮބާމާ ސަރަހައްދީ ރޮނގަށް ވަޑައިގެންނެވީ ހެލިކޮޕްޓަރެއްގަ އެވެ.
ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގައިވާ ޑީމިލިޓަރައިޒްޑް ޒޯންގެ ކަނުގައިވާ އެމެރިކާ ސިފައިންގެ މަރުކަޒަށް ވަޑައިގެން އެތާ ތިބޭ އެމެރިކާ ސިފައިންނާ އޮބާމާ ބައްދަލުކުރެއްވި އެވެ. އެތާނގައި ތިބި އެމެރިކާގެ 50 ސިފައިންނާ ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވެފައި ވަނީ އެމީހުން އެތިބީ މިނިވަންކަމުގެ ކުރީސަފުގައި ކަމަށެވެ.
ދެ ކޮރެއާ ގުޅޭ ސަރަހައްދީ ރޮނގަށް އޮބާމާ ކުރެއްވި ޒިޔާރަތުގައި އުތުރު ކޮރެއާ އާއި ގިނަ އަދަދެއްގެ މައިން ވަޅުލާފައިވާ އުތުރުކޮރެއާ ކައިރި ސަރަހައްދުގައި އޭނާ ހިންގަވާލައްވަނިކޮށް ނަގާފައިވާ ފޮޓޯތައް އެމެރިކާ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ.
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި މާދަމާ ފަށާއި ނިއުކްލިއަ ސެކިއުރިޓީ ސަމިޓްގައި ދުނިޔޭގެ 50 ގައުމެއްގެ ވެރިން ބައިވެރިވެޑައިގަންނަވާނެ އެވެ. ސެޓެލައިޓަކާއެކު ޖައްވަށް ރޮކެޓެއް ފޮނުވާލުމަށް އުތުރުކޮރެއާއިން ގެންގުޅޭ ޕްލޭންގެ ސަބަބުން ސަރަހައްދުގެ މަޝްރަހު ހޫނުވެފައިވާއިރު އެ ސަމިޓްގައި އެކަމާ މެދު ރަޝިޔާއާއި ޗައިނާއާއި އެކު އެމެރިކާއިން ވާހަކަތައް ބާއްވާނެއެވެ.
ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގަށް އޮބާމާ ޒިޔާރަތް ކުރެއްވީ ދެކުނު ކޮރެއާގެ މަނަވަރެއް އުތުރު ކޮރެއާއިން ފައްތާލި ހާދިސާއަށް ދެ އަހަރު ފުރެން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.