ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖްތަކުގައި ރިޝްވަތުގެ މުއާމަލާތެއް ހިންގާފައިވާކަން ފެންނަން ނެތް ކަމަށް ދައުލަތުން ހުށަހެޅި ހެކިވެރިޔަކު ބުނެފިއެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދަޢުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދަޢުވާއެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދަޢުވާ އުފުލާފައެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޔާމީންގެ މޯބައިލް ފޯނުގެ ފޮރިންސިކް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާގެ ހެކިބަސް ނެގުމުގެ ބައެވެ. އެއީ ފުލުހުންގެ ފޮރިންސިކް ސާވިސް ޑިޖިޓަލް އެވިޑެންސް ލެބޯޓްރީގައި ޑިޖިޓަލް އެވިޑެންސް އެގްޒެމިނަރަކަށް މަސައްކަތް ކުރައްވާ އަބްދުالله ޝިފާޒެވެ.

އޭނާގެ މަސްއޫލިއްޔަތަކީ ލެބޯޓްރީއަށް ހުށަހަޅާ ޑިޖިޓަލް އެވިޑެންސްއާ ގުޅުންހުރި, ހާއްސަ ގޮތެއްގައި މޯބައިލް ފޮރިންސިކްއާ ގުޅުންހުރި އާލާތްތައް ތަހްލީލްކޮށް އަދި އޭގެ މައްޗަށް ބިނާކޮށް ރިޕޯޓް ތައްޔާރުކުރުމެވެ.

އެގޮތުން ދިފާއުން ރައީސް ޔާމީންގެ ވަކީލް ވަނީ އެމަނިކުފާނު އެއް މިލިއަން ޑޮލަރުގެ ރިޝްވަަތު ނެންގިވިކަމުގެ އެއްވެސް މުއާމަލާތެއް މި މައްސަލައިގައި އެއްކުރި ޑާޓާ ތަކުގެ ތެރެއިން ހެކިވެރިއާށް ފެނިފައި ވޭތޯ ސުވާލު ކުރައްވާފައެވެ.

ނަމަވެސް ހެކިވެރިޔާގެ ޒިންމާ އަކީ އެކަން ދެނެގަތުން ނޫންކަން ފާހަގަކުރައްވައި ދައުލަތުގެ ވަކީލް ވިދާޅުވީ, މިއަދު ހާޒިރުކުރި ހެކިވެރިޔާ ހަވާލުކޮށްފައިވަނީ ވަކި ނަންބަރަކުން ކޮށްފައިވާ މުއާމަލާތްތައް އެއްކުރުން ކަމަށެވެ. ދެން ހުރި ބައިތައް ފުރިހަމަ ކުރާނީ މައްސަލަ ތަހުގީގު ކުރާ ފަރާތުން ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި ދިފާއުން ކުރެއްވި އެ ސުވާލު ހެކިވެރި ޖަވާބު ދޭން ނުޖެހޭނެ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

އެކަމަށް އިއުތިރާޒް ކުރައްވައި ދިފާއީ ވަކީލު ވިދާޅުވީ, ޔޫސުފް ނައީމްގެ ނަންބަރުން ރައީސް ޔާމީނަށް ކޮށްފައިވާ މެސުޖުތަކުގައި އެއްވެސް ރިޝްވަތުގެ މުއާމަލާތެއް ނުވަތަ ނުފޫޒު ފޯރުވުމުގެ އެއްވެސް މުއާމަލާތެއް ހިންގިކަން ހެކިވެރިޔާއަށް ފެނުނުކަން ނުވަތަ ނޫން ކަން ބުނެދެވެން ވާނެ ކަމަށެވެ.

ޝަރީއަތުން ވަނީ ދައުލަތުން ކުރި އިއުތިރާޒް ބަލައި ނުގަނެ ދިފާއުން ކުރެއްވި ސުވާލައް ޖަވާބު ދެއްވުމަށް ދަންނަވާފައެވެ.

އެއާ އެކު ފުލުހުންގެ ފޮރިންސިކް ސާވިސް ޑިޖިޓަލް އެވިޑެންސް ލެބޯޓްރީގެ ޑިޖިޓަލް އެވިޑެންސް އެގްޒެމިނިރަކަށް މަސައްކަތް ކުރައްވާ އަބްދުالله ޝިފާޒް ވިދާޅުވީ, އޭނާ ތައްޔާރުކުރި ރިޕޯޓުގައި ވާނީ ޔޫސުފް ނައީމްގެ ނަންބަރުން ރައީސް ޔާމީނަށް ކޮށްފައިވާ މެސުޖުތައް ކަމަށެވެ.

"ސިދާ އަޅުގަނޑަށް ދަންނަވާކަށް ނޭނގޭ އެ ނަންބަރުތަކުގައި ކޮށްފައި ހުރި ހުރިހާ މެސެޖުތަކެއްގައި ހުރީ ކީކޭ ކަމެއް. ނަމަވެސް މި ރިޕޯޓުން ފެންނަން މިއިނީ އެންމެ މެސެޖެއް. އެ ނަންބަރުގައި މި އިންނަނީ އެއްކަލަ އެތި ގެންދަންވީތޯ," ޝިފާޒް ވިދާޅުވިއެވެ.

ތަކުރާރުކޮށް ދިފާއުން އެ ސުވާލު ކުރެއްވުމުން ޝިފާޒް ވަނީ އެކަމަށް ސީދާ ޖަވާބެއް ވެސް ދެއްވާފައެވެ.

"އަޅުގަނޑު ދެންނެވީ މި ނަންބަރުން ކޮށްފައިން ކަމަށް މި ރިޕޯޓުން ފެންނަން މި އިނީ އެންމެ މެސެޖެއް. އެ މެސެޖަކުން ތިކުރެއްވި ސުވާލުގެ ކަންތައްތަކެއް[ރިޝްވަތުގެ] ކޮށްފައިން ކަމަކަށް އަޅުގަނޑަކަށް ނުބެލެވޭ," ޝިފާޒު ވިދާޅުވިއެވެ.

ދިފާއުން ބޭނުންވި ޖަވާބު ލިބުމުން ހެކިވެރިޔާއަށް ކުރަން ހުރި ސުވާލުތައް ވަނީ ނިންމާލާފައެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިހުރި ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް މިއަދު މަސައްކަތް ކުރި ނަމަވެސް އަޑުއެހުން ދިގުލައިދިއުމުން އެކަކުގެ ހެކިބަސް ނެގުމަށްފަހު ވަނީ އަޑުއެހުން ނިންމާލާފައެވެ.

ތިނެއް ޖަހާއިރު ފެށުމަށް ތާވަލުކޮށްފައި އޮތް އަޑުއެހުން މިއަދު ފެށިފައިވަނީ ހަތަރެއް ޖަހަން ވެފައިވަނިކޮށެވެ. އަދި މަޣްރިބް ނަމާދައް މެދުކަނޑާލުމަށްފަހު އަޑުއެހުމުގެ އަނެއް ބައި ކުރިއަށް ގެންގޮސް ނިންމާލާފައިވަނީ ރޭގަނޑު އަށެއް ޖެހިފަހުންނެވެ.