25 Mar 2012, 09:10
ސަރުކާރާށް ތާއީދު ކުރާ އިއްތިހާދުގެ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް އަބްދުﷲ ޖާބިރަށް ތާއީދު ނުކުރައްވާނެ ކަމަށް ކާށިދޫ ދާއިރާ އަށް ޕީޕީއެމްގެ ފަރާތުން ނުކުންނެވުމަށް ފަހު ނަން އަނބުރާ ގެންދެވި ކަމަށް އިއުލާން ކުރައްވާފައިވާ ގާނޫނީ ވަކީލު، މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ މަޝްވަރާގެ މަތިން ނަން އަނބުރާ ގެންދަވާފައިވާ ކަމަށް އިއުލާން ކުރެއްވެވި ވައްޑޭގެ ބަހުގެ ހަމަލާތައް ރޭ ޖާބިރަށް އަމާޒު ކުރެއްވީ ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގަ އެވެ. އޭނާ ވިދާޅުވީ ގައުމުގެ މަސްލަހަތު ފަރުދީ ހައިސިއްޔަތަށް ވުރެ އިސްކޮށް ކާށިދޫ ދާއިރާ އަށް ވާދަ ނުކުރައްވައި ވަކި ގޮތަކަށް ވާހަކަ ބައްޓަން ކުރެއްވި ނަމަވެސް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަބްދުﷲ ޖާބިރަށް އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއްވެސް ވިޔަފާރިވެރިޔަކަށް އޭނާ ނުގަނެވޭނެ ކަމަށާއި ކާށިދޫ ދާއިރާގެ ގޮނޑި ދޫކޮށްލެއްވީ އެކަމުގައިވީ އަގު ބޮޑު ގުރުބާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ހަދިޔާ ކުރެއްވުމަށް ފަހު ކަމަށެވެ.
"މިހާ އަގު ބޮޑު އެއްޗެއް އަޅުގަނޑު ދޫކޮށްލާފައި މިވަނީ އަޅުގަނޑަށް ކިޔަވައިދެއްވި އުސްތާޒު އާދެ ކުރީގެ ރަން 30 އަހަރުގެ ވެރިޔާ ތަރައްގީގެ ބާނީ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމަށް ހަދިޔާކޮށްފައި. އަޅުގަނޑުގެ މި އިހްލާސްތެރިކަން އެހާ އަގު ބޮޑުވެފައިވާ ހާލު އެއްވެސް ވިޔަފާރިވެރިއެއްގެ ހުރި މުދަލަކަށް ފައިސާއަކަށް ނުގަނެވޭނެ ކަމުގެ ޔަގީންކަން ﷲ ހެކިކޮށް މިހާރު މިދަންނަވަނީ،" ވައްޑޭ ވިދާޅުވި އެވެ.
ކާށިދޫ ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައި ވާތީ ގާނޫނީ ގޮތުން ނަން އަނބުރާ ނުގެންދެވޭތީ ވައްޑޭ ވިދާޅުވީ އޭނާގެ ނަން ވަނީ އަމިއްލަ ބާރު ނުފޯރުވޭ ހިސާބުގައި ކަމަށާއި ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގައި އޭނާގެ ނަމާ ދިމާލުގައި ފާހަގަ ޖެއްސެވޭނެ ކަމަށެވެ.
"ފައިސާކޮޅަކަށް ނުވިކޭނެ ބައެއްކަން އެބޭފުޅުން [ކާށިދޫ ދާއިރާގެ ރައްޔިތުން] މިއަދު ދައްކާނެ. އެ މީހުން ދައްކާނެ ގާބިލު މީހަކަށްތޯ ދޭނީ ތައުލީމީ މީހަކަށްތޯ ދޭނީ ނުވަތަ ތިމަންނަމެން ދޭނީ ގާނޫނު ހަދާ މަޖިލީހަށް ވަންނަން އެންމެ އެކަށީގެންވާ މީހާއަށްތޯ ނުވަތަ ނޫންތޯ،" ވައްޑޭ ވިދާޅުވި އެވެ.
ކާށިދޫ ގޮނޑި ދޫކޮށްލެއްވީ މައުމޫންނަށް ޓަކައި ކަމަށް ވައްޑެ ވިދާޅުވުމުން ރޭގެ ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ވައްޑޭގެ ގުރުބާނީ ހަދިޔާކުރެއްވި ކަމަށްޓަކައި ޝުކުރުކޮށް އެ ހަދިޔާ ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ކާށިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމުން ވައްޑޭ ކުރިމަތިލައްވާފައި ވަނިކޮށް ޖުމްހޫރީ ޕާޓީން ޖާބިރު އެދާއިރާ އަށް ކުރިމަތިލުމާ ހަމައިން ޕީޕީއެމްގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. އަދި ޕީޕީއެމުން ފަހަތަށް ޖެހި ބައި އިލެކްޝަންގައި ޖާބިރަށް ތާއީދު ކުރުމުން ޕާޓީގެ ކައުންސިލުގެ މެންބަރު ޑރ. މުހައްމަދު ސައުދު ވަނީ ޕާޓީން އިސްތިއުފާ ދެއްވާފަ އެވެ.