ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށާއި އެކަން ނުކުރުމަށް ޝަރީއަތުން އަންގައިފިއެވެ.

ރައީސް ޔާމީންގެ އެދުމުގެ މަތިން އެ މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމަށް މައްސަލަ ބައްލަވާ ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ނިންމަވައިފައެވެ. އެގޮތުން ޝަރީއަތް ފެށުމަށް ބޭއްވި އަޑު އެހުމުގެ އިތުރުން މިއަދު ކުރިއަށްދާ އަޑުއެހުން ވެސް އަންނަނީ ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލް އިން ލައިވް ކުރަމުންނެވެ.

މިއަދުގެ އަޑުއެހުން ބައެއް ޓީވީ ޗެނެލަތަކުން އަންނަނީ ވަގުތުން ދުރަށް ދައްކަމުންނެވެ.

މިއަދުގެ އަޑުއެހުމުގައި ތާވަލްކޮށްފައި އޮތީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެކިވެރިންގެ ހެކިބަސް ނެގުމެވެ.

އެގޮތުން ފުރަތަމަ ހެކިބަސް ނަގަން ފަށާފައިވަނީ, ފުލުހުންގެ ފޮރިންސިކް ސާވިސް ޑިޖިޓަލް އެވިޑެންސް ލެބޯޓްރީގައި މަސައްކަތް ކުރާ ފުލުހެއްގެއެވެ.

ހަވީރު ހަތަރެއް ޖަހަން ވެފައިވަނިކޮށް އަޑުއެހުން ފަށާފައިވާއިރު, އިރު އޮއްސުނު އިރު ވެސް އޭނާގެ ހެކިބަސް ނަގާ ނިމިފައެއް ނުވެއެވެ. ނަމަވެސް އެ ހެކިވެރިއާ, ރައީސް ޔާމީންގެ ފަރާތުން ކުރަން ހުރި ސުވާލުތައް ވަނީ ނިންމާލާފައެވެ.

ދެން އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ފަރާތުން ހެކިވެރިޔާއާ ސުވާލު ކުރަން ފެށުމުގެ ކުރިން ގާޒީ ވަނީ ބައެއް ފަރާތްތަކުން ޝަރީއަތް ރީބްރޯޑްކާސްޓް ކުރަމުން އަންނަކަން ފާހަގަކޮށްފައެވެ.

"ޝަރީއަތުން ދަންނަވާލަން މި މައްސަލައަކީ މި ކޯޓުގެ ޔޫޓިއުބް ޗެނެލްއިން ލައިވް ކުރަމުންދާ ޝަރީއަތެއް އަދި އެ ޝަރީއަތް އިތުރު ބަޔަކަށް ރީ ބްރޯޑްކާސްޓްކުރާކަށް ޝަރީއަތުން އިޒްނަ ނުވަތަ ހުއްދަ އަރުވާފައެއް ނުވާނެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން އެކަން ކުރަމުން ގެންދާކަން އެބަ ޝަރީއަތައް މައުލޫމާތު ލިބޭ. އެހެންވީމަ އެ ފަރާތްތަކުން އެކަން ނުކުރުމަށް ޝަރީއަތުން ދަންނަވަން," މައްސަލަ ބައްލަވާ ގާޒީ ޝަކީލް ވިދާޅުވިއެވެ.