16 Jun 2022, 16:33
ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ފައިނޭންސިން ފޯރުކޮށްދިނުމަށްޓަކައި ލޯނު ފެސިލިޓީ އެއްބަސްވުމެއްގައި ސަރުކާރާއި އޭ.ބީ.އެން. އަމްރޯ ބޭންކް އާއި އޭ.ކޭ.އޭ. ބޭންކް އަދި އައި.އެން.ޖީ. ބޭންކް އާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. އައި.އެން.ޖީ. އާއި އޭ.ކޭ.އޭ. އެކްސްޕޯޓް ކްރެޑިޓް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އައި.އެން.ޖީ ބޭންކް ގެ ޑިރެކްޓަރު ވިލެމް ވެން ނުއަސްއެވެ. އަދި އޭ.ބީ.އެން. އަމްރޯ ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެބޭންކްގެ އެގްޒެކެޓިވް ޑައިރެކްޓަރު ހެޑް އޮފް އެކްސްޕޯޓް ފައިނޭންސް ޔޫސްޓް ކިސާސްއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ގުޅީފަޅު ހިއްކައި ގުޅީފަޅުގައި އާ ޕޯޓެއް ތަރައްޤީކޮށް އަދި މިހާރު މާލޭގައި ބޭނުންކުރަމުންދާ މާލެ އިންޓަނޭޝަނަލް ޕޯޓް ގުޅީފަޅަށް ރިލޮކޭޓް ކުރުމެވެ.
އެ މަޝްރޫޢުގެ ސަބަބުން ކުރިމަގުގައި ރާއްޖޭގެ އިޤްތިސޯދަށް އެކަށީގެންވާ ވަރުގެ ޕޯޓެއް ޤާއިމު ކުރެވިގެންދާނެކަމަށާއި މިހާރު މާލޭގެ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ވެސް ހައްލުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މާލޭގެ އެތެރޭގެ ޓްރެފިކް ފްލޯއަށް ލުއިތަކެއް ލިބޭނެކަމަށާއި މާލޭގެ ބިމުގެ ޖާގަ އިތުރުވެ އަދި އެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ރާއްޖޭގައި އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.
އެ މަޝްރޫޢަކީ 2012 ފެށިގެން 2022 އަށް ހެދިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތުގެ މަތިން ގްރޭޓާ މާލެ ތަރައްޤީކުރުމުގެ ޕްލޭންގެ މުހިއްމު މަޝްރޫޢެކެވެ.