25 Mar 2012, 01:53
ހަރަދު ކުޑަކުރުމަށް ޑޭވިޑް ބެކަމް އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އައި އަގުބޮޑުގެ ގެ ބެކިމްހަމް ޕެލަސް ވިއްކާލަން ނިންމައިފި އެވެ.
އަށާރަ މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ މި ގެ އަކީ 1999 ވަނަ އަހަރު އިނގިރޭސި ކުރީގެ ކެޕްޓަން ބެކަމް އާއި ކުރީގެ ލަވަކިއުންތެރިޔާ ވިކްޓޯރިއާ ކައިވެނިކުރީއްސުރެ އެ ދެމެފިރިން އިނގިރޭސިވިލާތުގައި ދިރިއުޅެމުންއައިތަނެވެ. ނަމަވެސް އެންމެ ފަހުން ވިކްޓޯރިއާ އިނގިރޭސިވިލާތަށް ކުރި ދަތުރުގައި އޭނާ ހުރީ ސަވޯއީ ހޮޓަލުގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ބެކަމް ވަނ 2.5 މިލިއަން ޑޮލަރަށް އޭނާ ފްރާންސުން ގަނެފައިވާ ގެ ވެސް ވިއްކާލަން ނިންމައިފަ އެވެ. މި ގޮތަށް ނިންމީ އެ ދެމަފިރިން އެމެރިކާގައި ދާއިމަށް ދިރިއުޅުމަށް ނިންމައިގެންނެވެ.
ބެކަމް ބުނީ ކައިވެންޏެއްކޮށް ދަރިން ލިބުމުން ވިސްނުމާއި ފިކުރާއި ބޭނުންވާ ގޮތްވެސް ތަފާތުވާނެ ކަމަށާއި އެމެރިކާގެ އެލްއޭގައި ދިރިއުޅެން އޭނާ ނިންމީ ދަރިންގެ މުސްތަގްބަލަށްޓަކައި ކަމަށެވެ.
"އެކުދިން މިސިޓީ އަށް ހޭނިއްޖެ. އެމީހުން ސްކޫލަށްގޮސް ވަރަށް އުފަލުގައި މިތަނުގައި އުޅެނީ. އެމީހުންނަށްޓަކައި މިތަނުގައި އުޅެން ނިންމީ. އަހަރުމެންގެ ހުރިހާ ބޭނުމެއް މިހާރު ގުޅިފައިވަނީ އެކުދިންނާ،" ދުނިޔޭގެ ދެ ވަނަ އަށް އެންމެ ގިނަ އާމްދަނ ލިބޭ ފުޓްބޯޅަ ކުޅުންތެރިޔާ ބުންޏެވެ.
ވިކްޓޯރިއާއާ ހަވާލާދީ އޭނާގެ އެޖެންޓް ބުނީ ބޭނުންނުކޮށް ފަޅަށް ގެތައް ބަހައްޓަން އެދެމަފިރިން ބޭނުންނުވާ ކަމަށާއި އެއީ ބޭކާރު ހަރަދުކަމަށެވެ.
ބެކަމް، 36 އާއި އާއި ވިކްޓޯރިއާގެ ކައިވެންޏަށް ވަނީ ތިން ފިރިހެންކުދިންނާއި އަންހެން ކުއްޖަކު ލިބިފަ އެވެ. މީގެ ތެރެއިން އެންމެ ހަނގު ދަރިފުޅު ހާޕާސެވަން ލިބުނީ އެމެރިކާގަ އެވެ. މެންޗެސްޓާ ޔުނައިޓެޑުން ރެއާލް އަށް ބަދަލުވުމަށް ފަހު ބެކަމް ފާއިތުވެދިޔަ ފަސް އަހަރު ކުޅުނީ އެމެރިކާގެ އެލްއޭ ގެލެކްސީ އަށެވެ. މަލްޓި ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން އޭނާ އެމެރިކާގައި ކުޅެން ފެށުމާއެކު އެގައުމުގައި ފުޓްބޯޅަ ވަނީ ކުރިއަށްވުރެ މާބޮޑަށް ވެސް މަޝްހޫރުވެފަ އެވެ.