ވިގަން އަތުން 2-1 އިން ބަލިވެ ލިވަޕޫލް އަނެއްކާ ވެސް ބަލިވިއިރު ސްޓޯކްސިޓީއާ ކުޅެ 1-1 އިން އެއްވަރުވުމުން މެންޗެސްޓާ ސިޓީ އަށް ލީގު ޗެމްޕިއަންކަން ހޯދުމަށް އަނެއްކާ ވެސް ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
ލިބުނު ޕެނަލްޓީ އަކުން މަލޯނޭ ގޯލް ޖަހާފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް ހަމަހަމަކޮށްދިނީ ލުއިސް ޝުއަރޭޒެވެ. ނަމަވެސް 63 ވަނަ މިނިޓްގައި ކަލްޑްވެލް ޖެހި ލަނޑުން ލިވަޕޫލުގެ ހުރިހާ އުއްމީދެއް ވަނީ ވިއްސިވިހާލިވެފަ އެވެ.
ލިވަޕޫލްގެ މި ބައްޔަކީ ފާއިތުވެދިޔަ ހަ މެޗުގެ ތެރެއިން ލީގުގައި އެ ޓީމު ބަލިވި ފަސްވަނަ މެޗެވެ. މިހެންވެ ކޯޗު ކެނީ ޑަގްލިޝް އަށް ވަނީ ވަރަށް ބޮޑަށް ޕްރެޝަރު ކުރިމަތިވެފަ އެވެ. އޭނާގެ ކޯޗުކަމުގައި ލިވަޕޫލުން މި ސީޒަނުގެ ކާލިންކަޕް ހޯދައި އެފް.އޭ.ކަޕް ފައިނަލަށް ދަތުރު ކުރި ނަމަވެސް ލީގު ފޯމު ދަސްވުމުން އިންވެސްޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅު ކުރަން ފަށައިފަ އެވެ.
ރޭގެ މެޗަށް ފަހު ކެނި ޑަގްލިޝް ބުނީ ރެފްރީ ގޯސް ހެދި ކަމަށާއި އަދި ލިވަޕޫލަށް ނަތިޖާ ނުނެރެވެނީ ކުޅުންތެރިންގެ ވަރުބަލިކަން އިތުރުވުމުން ކަމަށެވެ.
ނަމަވެސް ތާވަލުގެ ފަހަތުން ދެ ވަނާގައި އޮތް ވިގަންގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ މިއީ އެކުލަބުގެ ހަޔާތުގައި ވެސް އައި އުފާވެރި ދުވަހެއް ކަމަށެވެ.
ވިގަން އޮތީ 20 ޓީމު ވާދަ ކުރާ ލީގުގެ 19 ވަނާގައި 25 ޕޮއިންޓާއެކުގަ އެވެ. ލިވަޕޫލް ހަތް ވަނާގައި އޮތީ 42 ޕޮއިންޓާއެކުގަ އެވެ.
ސްޓޯކް އަށް އަށް ޕީޓަ ކްރަޗް ލަނޑު ޖަހާދީފައިވަނިކޮށް ޔާޔާ ޓޯރޯ އެއްވަރުކޮށްދިން ނަމަވެސް ސިޓީ އަށް މޮޅުނުވެވުމުން އެ ޓީމަށް ތަށި ހޯދުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފަ އެވެ. ސިޓީ އަށް 70 ޕޮއިންޓް ލިބިފައިވާއިރު ތައްޓަށް ވާދަ ކުރާ މެންޗެސްޓާ ޔުނައިޓެޑް އެއް މެޗު މަދުން ކުޅެ ތާވަލުގެ ކުރީގައި އޮތީ 70 ޕޮއިންޓާއެކު ލަނޑުގެ ތަފާތުންނެވެ.