ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޖުމްލަ އަދަދު އިތުރުކުރުމަށް ވުރެ އިސްކަމެއް ދޭންޖެހެނީ އެމީހުން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކްރޮސްރޯޑްސްގައި މިއަދު ފެށުނު ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފެށުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ކޮވިޑަށް ފަހު ފަތުރުވެރިކަން އަލުން ރަނގަޅުވަމުން އަންނަކަން ޓޫރިސްޓުން އަންނަ އަދަދު އިތުރުވާ މިންވަރުން އެނގޭކަމަށެވެ.

ނަމަވެސް، އެއަށް ވުރެ ބޮޑު އިސްކަމެއް ދެއްވަނީ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުކުރުމަށް ކަމަށާއި، އެ ހިސާބުތައް ވެސް މަތިވަމުން އައުމަކީ ރަނގަޅު ފާލެއް ކަމަށެވެ.

"އަޅުގަނޑުމެން ބޮޑަށް ފޯކަސް ކުރަނީ ބެޑް ނައިޓްސްއަށް. އެމީހުން [ފަތުރުވެރިން] މަޑުކުރާ މުއްދަތަށް. އެކަންތައް އެބަ ވޭ. މިހާރު ވެސް އަޅުގަނޑުމެން ވާނީ 2019ގައި ބެޑްނައިޓްސް ހުރި މިންވަރަށްވުރެ، މަތިކޮށްފައި" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ހަނގުރާމައާއި ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް މީގެ ދެ އަހަރުކުރިން ފަތުރުވެރިން އައި މާކެޓުތަކުގެ 40 އިންސައްތަ ގެއްލިފައިވީ ކަމުގައި ވިޔަސް، އޭރު ރާއްޖޭގެ ފަތުރުވެރިކަން ހުރި ހާލަތާ ގާތްކުރާ ހިސާބަކަށް މިހާރު އާދެވިފައިވާކަމަށެވެ.

ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އެ ސަމިޓުގެ ތެރެއިން މިއަދު ބޭއްވި ސެޝަނުގައި ތަގުރީރުކުރެއްވި ޕްރޮފެސަރު ޖަަފަރު ޖަފާރީ ވެސް ވަނީ ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތު އިތުރުވުމަކީ އެންމެ ބޮޑު އެއް ކުރިއެރުން ކަމުގައި ސިފަކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ އެވްރެޖް ނިސްބަތް 2019ވަނަ އަހަރު ހުރީ 6.8 ދުވަހުގައެވެ. މިހާރު އެ ނިސްބަތް ވަނީ 8.7 ދުވަހަށް އިތުރުވެފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 732,884 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މި މުއްދަތުގައި 2019ވަނަ އަހަރު ޒިޔާރާތްކޮށްފައިވަނީ 780,931 ފަތުރުވެރިންނެވެ.