ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދަތުރުކުރަން ގެނައި 15 ބަހާއެކު، އެމްޓީސީސީގެ ބަސް ފްލީޓްގައި ހިމެނޭ ބަހުގެ އަދަދު 46އަކަށް އިތުރުކޮށްފިއެވެ.

މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެ ކުންފުނިން އަލަށް ގެނައި 15 ބަހުގެ ޚިދުމަތް އިފްތިތާހުކޮށްދެއްވާފައެވެ.

މި ފަނަރަ ބަހާއެކު، މާލެ ސަރަހައްދުގައި އައު ދެ މަގަކުން އެމްޓީސީސީން ބަހުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވެެއެވެ. އެއީ ކާނިވާ ސަރަހައްދުންނާއި، ހުޅުލެއިން، ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ސީދާ ދަތުރުކުރާ ދެ މަގެވެ.

މީގެ އިތުރުން، ވެސްޓް ޕާކުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ކުރާ ސީދާ ދަތުރުތައް އިތުރުކުރުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

އައު ބަސްތަކާއެކު ކާނިވާ އަދި ވެސްޓް ޕާކުން ހުޅުމާލޭ ދެވަނަ ފިޔައްސަށް ބަސް ދަތުރު ބާއްވަން ހަމަޖެހިފައިވަނީ ފަތިހު 05:30ން ފެށިގެން ރޭގަނޑު 23:30އާ ހަމައަށެވެ. ދެ ދަތުރު ދޭތެރޭ ގިނަވެގެން 20 މިނެޓު ހޭދަވާއިރު، ބާރުބޮޑު ގަޑިތަކުގައި އެ ވަގުތު ގިނަވެގެން 15 މިނެޓަށް ކުޑަވާނެއެވެ.

އެއާޕޯޓުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ކޮންމެ ގަޑިއިރަކުން ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އައު ބަސްތަކުގެ ހިދުމަތް ފެށުމާއެކު ބަސް ސްޓޮޕްތަކުގައި ގިނަ އިރު މަޑުކުރަންޖެހޭ މައްސަލައަށް ހައްލެއް އަންނާނެ ކަމަށެވެ.

"މި ހިދުމަތަށް ބޭނުންވާ ބަސްތައް މިހާރު މިވަނީ ގެނެވި، މުވައްޒަފުން ތަމްރީނު ކުރެވި، އާ ހިދުމަތަށް ދޮންވެ ފައްކާވެފައި," އާޒިމް ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިއްސުރެ، އެކަށޭނަ ދަތުރުފަތުރުގެ ނިޒާމެއް ނެތުމުގެ މައްސަލަ އެ ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމަކަށް ވަނީ ވެފައެވެ.