15 Jun 2022, 18:00
ކުރިއަށް އޮތް 2023 ވަނަ އަހަރު ނިމުމުގެ ކުރީން ފަތުރުވެރިިކަމުގެ ޚިދުމަތްދޭ އިތުރު 22 ރިސޯޓު ހުޅުވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ކްރޮސްރޯޑްގައި ފެށި "ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލް ދެއްވައި ނައިބު ރައީސް ވިދާޅުވީ، މިސަރުކާރުން ރާއްޖޭގެ އުމުރާނީ ތަރައްގީ، ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކޮށްފައި ވާކަމަށެވެ.
އެގޮތުން މިދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި 426 ޓޫރިޒަމް ފެސިލިޓީ ހުޅުވައި، ބެޑް ކެޕޭސިޓީ ގާތްގަނޑަކަށް 14،000 އެނދު އިތުރުކޮށްފައިވާ ކަމާއި، މިހާރުވެސް 107 ރިޒޯޓެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިޔަށް އެބަދާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެތަންތަން ތަރައްޤީކޮށް ނިމޭއިރު 5000 އެނދު އިތުރުވެގެން އަންނާކެ ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި މީގެ އިތުރުން ވަނީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި، އިގުތިސާދަށް ލިބެމުން އައި ގެއްލުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު އިއާދަކޮށް ގެއްލުންތަކުން އަރައިގަތުމަށް މަގުދައްކަވައި، ރައީސުލްޖުމުހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގެންދަވަނީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ. އަދި އިގުތިސާދު އިއާދަކޮށް ހަރުދަނާ ކުރުމަކީ ގޮންޖެހުންތައް ބޮޑު ކަމެއް ކަމަށާއި، އެންމެން ޝާމިލްވާ ތަރައްގީއަށް ޓަކައި އެންމެ މަތީ ދަރަޖައަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ގާބިލުކަން އިތުރުކުރަން ޖެހޭކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚަށް ވެސް އަލި އަޅުއްވާލައްވައި، ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިގުތިސާދަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ޓަކައި ކުރިން މަސައްކަތްކުރެއްވި ފަރާތްތަކަށް ކުރިމަތިވި ތަފާތު ހުރަސްތައް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީންނާއި، އެބޭފުޅުންގެ ފިޔަވަޅުމަތީގައި މަސައްކަތްކުރައްވައި މިއަދު ރާއްޖެއަކީ، ދުނިޔޭގެ އިތުބާރުހުރި ބްރޭންޑަކަށް ހެއްދެވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖެއަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ވިދިވިދިގެން ދެ އަހަރު ލިބިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.