ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި 11 މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަނެއްކާވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.

މިއީ ޕީޖީ އޮފީހަށް މައްސަލަ ފޮނުވި ހަތަރުވަނަ ފަހަރެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަޙްމަދު ޝަފީއު "ސަން"އަށް ވިދާޅުވީ, ތަހުގީގު ކުރިއަށްދާ މައްސަލަތަކުގައި، ޕީޖީ އޮފީހުގެ މަޝްވަރާއަށް އެދި ހުށަހަޅާނެ ކަމަށާއި، އެގޮތުގެ މަތިން ވެންޓިލޭޓަރު މައްސަލަވެސް މަޝްވަރާއަށް ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ އަދި ޕީޖީން އެއްކޮށް ދިރާސާކޮށް ނުނިމޭތީ، މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނުނިންމާ ކަމަށާއި ގޮތެއް ނިންމޭނީ އަންނަ ހަފްތާ ތެރޭގައި ކަމަށް ޝަފީއު ވިދާޅުވިއެވެ.

އޭސީސީން މީގެ ކުރިން ބުނެފައިވަނީ, ވެންޓިލޭޓަރު މައްސަލަ އެންމެ ފަހުން ޕީޖީ އޮފީހަށް ފޮނުވިއިރު، މައްސަލާގައި މީގެ ކުރިންވެސް ދައުވާކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ 11 މީހުންނަށް އިތުރު ދައުވާއެއް ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާ ގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށް އެދިފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީން ފުރަތަމަ ޕީޖީއަށް ފޮނުވީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14ގައެވެ. ނަމަވެސް، އޭރު ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީން ދައުވާ ނުކުރަން ނިންމިއެވެ. އަދި މައްސަލަ އަލުން ރިވިއުކުރުމަށް އަންގައި ޕީޖީން މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލީއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކަށް، އެއްވެސް ގެރެންޓީއަކާ ނުލައި ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައެވެ.

އެ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ފޯރުކޮށްދީފައި ނުވާތީ މިދިޔަ އަހަރުގެ މެއި މަހު ދިވެހި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.