ބިލުކުރުމާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުމަށް، ބިލުކުރުމުގައި އަމަލުކުރަންވީ އުސޫލުތައް ބަޔާންކުރާ ގަވައިދެއް އެކުލަވާލަންޖެހޭ ގޮތަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުންމި ބިލު ހުށަހަޅުއްވާފައި ވަނީ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.

ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ބިލުގެ މައިގަނޑު ބޭނުމަކީ އާންމު ބޭނުންތަކުގެ އެކި ޚިދުމަތްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރާ މުއްދަތު ތަފާތުވުމުގެ ސަބަބުން ބިލު ދެއްކުމުގައި ދިމާވާ ދަތިތަކަށް ލުއިތަކެއް ހޯދައި ދިނުން ކަމަށެވެ.

"އަދި ބިލުކުރުމާ ގުޅިގެން ދިމާވާ އެނޫން ވެސް މައްސަލަތައް، ދެފަރާތުގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ފަދައަކުން ހައްލު ކުރުމަށްޓަކައި،" ޝަރީފް ވިދާޅުވިއެވެ.

ހުށަހަޅާފައިވާ އިސްލާހުގައި ވާ ގޮތުން އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ޚިދުމަތްތަކާ ގުޅޭގޮތުން ބިލުކުރުމުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލު ބަޔާން ކުރާ ގަވައިދު އެކުލަވާލަން ޖެހޭނީ ރެގިއުލޭޓަރީ އޮތީރިޓީންނެވެ. އަދި އެ ގަވައިދުގައި އެއް މިންވަރެއްގެ ބިލިން ސައިކަލްއެއް ކަނޑައެޅުމާ ގުޅޭ އުސޫލުތައް ހިމަނަން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ބިލު ދެއްކުމުގައި ލުއިތައް ދެވޭނެ ހާލަތްތަކާއި ގޮތްތައް ބަޔާން ކުރުމާއެކު ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތައް ބަޔާން ކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ޔުޓިލިޓީ ރެގިޔުލޭޓަރީ ބިލަކީ އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ކަންކަން އިންތިޒާމުކުރުމަށް އިދާރާއެއް އުފެއްދުމާއި، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އަދި އާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ އާންމު އުސޫލުތައް ކަނޑައަޅާފައިވާ ބިލެކެވެ.