24 Jul 2010, 09:54
14:30
ހުއްޓިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ މަހު އެކެއްގައި ފެއްޓެވުމަށް ގަސްތުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ހުސްވި ހަފްތާގައި ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާތީ ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ނޫސްބަޔާނެއްގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ހަވާލާދީ ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި މަޖިލީހުގެ މެންބަރުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބުމަކީ އެންމެ އަސާސީ އެއް ކަންތައް ކަމަށެވެ. އެގޮތުން މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި މަޖިލީހުގައި ތަމްސީލުވާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެދުގައި ވާހަކަ ދެކެވި ޚިޔާލު އެއްގޮތް ކުރެވޭތޯ މަސައްކަތް ކުރުމަކީ ހުރިހާ ފަރާތަކުން ވެސް ކުރަންޖެހޭނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެ ނޫސް ބަޔާނުގައިވެ އެވެ. އަދި މިދިޔަ ބުދަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބޭއްވެވި ނޫސް ކޮންފަރެންސްގައި ސަރުކާރާއި، އިދިކޮޅު ޕާޓީތަކާ ދެމެދު ވާހަކަތައް ފެށްޓެވުމަށް ގޮވާލެއްވި ގޮވާލެއްވުމަށް މަރުޙަބާ ވިދާޅުވާ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ. އަދި މިހާރު މި ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށްޓަކައި، އިދިކޮޅު ޕާޓީތަކުން ވެސް ވާހަކަ ދައްކަން ތައްޔާރަށް ތިބި ކަމަށް ބުނި ބުނުމަށް މަރުހަބާ ވިދާޅުވާ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ.
ހުސްވި ހަފްތާގައި ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައިސްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނު، ގައުމީ ދިފާއީ ބާރުން ހައްޔަރުކުރި މައްސަލައާ ގުޅިގެންނެވެ. ހުސްވި ހަފްތާގެ ތިން ދުވަހު ޖަލްސާ ފެށި ނަމަވެސް ޖަލްސާއަށް ޔާމީން ހާޒިރުވުމަށް ފުރުސަތު ނުދިނުމުގެ ސަބަބުން ޖަލްސާތައް ވަނީ ކުރިއަށް ނުގެންދެވިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވެވޭގޮތަށް ގައުމީ ދިފާއީ ބާރުން ބަހައްޓަވާފައިވާ ކަމަށް ވާނަމަ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނުފެންނަ ކަމަށް، ޕާޓީތަކުގެ ލީޑަރުން ލަފާދެއްވާފައި ވާތީ ކަމަށް ވިދާޅުވެ، މިދިޔަ ބުދަ ދުވަހުގެ ޖަލްސާ ވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ނިންމަވާލައްވައިފައެވެ.
އަދި ޔާމީން ދޫކޮށްނުލަނީސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ތަކުރާރުކޮށް އިންޒާރުދީފައެވެ.
ގައުމީ ދިފާއީ ބާރުން ހައްޔަރުކޮށްފައި ހުރި، އަބްދުﷲ ޔާމީން އިއްޔެ ވަނީ ދޫކޮށްލައިފައެވެ.