14 Jun 2022, 20:18
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ދާ މީހުން ހޮސްޕިޓަލު ތެރޭގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކޮށްފިއެވެ.
އައިޖީއެމްއެޗުން މި ކަމަށް އިލްތިމާސް ކުރީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން އިލްތިމާސް ކުރުމާ ގުޅުވައިގެންނެވެ. މިހާލަތަށް ރިޢާޔަތްކޮށް އައިޖީއެމްއެޗް ގައި އަމަލުކުރަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވަނީ ނިންމާފައެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ކޮވިޑު ކޭސްތައް އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލުގައި އުޅޭ ވަގުތު ތަކުގައި މާސްކު އަޅައިގެން އުޅުމަށް އިލްތިމާސް ކުރުން ފިޔަވައި އިތުރު ފިޔަޅުތަކެއް މި ވަގުތަށް އަޅާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާން ޖެހިއްޖެ ނަމަ އެކަން ކުރާނީ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލަށް އަންނަ ބަލި މީހުންނާއި އެހީތެރީންގެ އިތުރުން އެހެނިހެން ފަރާތްތައް ވެސް މާސްކު އަޅައިގެން އުޅުމަށް އިސްތިމާސް ކުރާ ކަމަށެވެ.
ފާއިތުވީ މަސްތަކުގައި ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑުތަނުން މަދުވެފައި އޮތުމަށްފަހު، އަނެއްކާ ވެސް މި ވަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުވާން ފަށާފައެވެ. އެގޮތުން މިދިޔަ ހަފުތާގައި ވަނީ ކޮވިޑްގެ 142 ކޭސް ފެނިފައެވެ.
އެޗްޕީއޭއިން ބުނީ މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 60 ޕަސެންޓުގެ އިތުރުވުމެއްކަމަށެވެ. އަދި ސާމްޕަލް ޕޮޒިޓިވިޓީއާއި ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވާކަމަށް އެޕްޕީއޭގެ ބަޔާނުގައި ވެއެވެ.