ސްޓެލްކޯގެ ޗެއާމަން ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް މުޙައްމަދު ދީދީ އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމަށާއި ޗެއާމަންގެ މަގާމަށް އިބްރާހީމް މުޙައްމަދު ދީދީ މިއަދު އައްޔަންކޮށްފައިވާކަމަށެވެ.

އެމްއެންޑީއެފްގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލްގެ އިބްރާހީމް މުހައްމަދު ދީދީ އެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން ސްޓެލްކޯއިން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ސްޓެލްކޯގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަންކުރައްވާފައިވަނީ އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު ޗެއާމަން ރަޝީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ. އޭނާ އެންމެ ފުރަތަމަ ސްޓެލްކޯއާ ގުޅިވަޑައިގަތީ 1971ވަނަ އަހަރު އެޕްރެންޓައިސްއެއްގެ ގޮތުގައެވެ.

އެއަށްފަހު، އޭނާ ވަނީ އެކި މަގާމުތަކުގައި ސްޓެލްކޯއަށް 50އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.

މުހައްމަދު ރަޝީދު އެކުންފުނީގެ ޗެއާމަނަކަށް އައްޔަނުކުރީ 2019 ވަނަ އަހަރުއެވެ. އަވަހާރަވީ އިރު ވެސް ހުންނެވީ އެ މަގާމުގައެވެ.