14 Jun 2022, 20:02
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ހައިކޯޓުގެ ފަނޑިޔާރު އަބްދުއްﷲ ހަމީދު ވަކިކުރުމަށް ނެރުނު ވިޕާ ޚިލާފުވި ފަސް މެމްބަރަކަށް މިއަދު ފިޔަވަޅުއަޅައިފިއެވެ.
އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން އެ ފަސް މެމްބަރުންނަށް މިއަދު ނަސޭހަތްދިންކަމަށެވެ.
އެގޮތުން ވިޕާ ޚިލާފުވުމުން ނަސޭހަތްދީފައިވަނީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ، ތިނަދޫ ދެކުނު އަބްދުﷲ ސަނީފް، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް، ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު މުހައްމަދު ރަޝީދު އަދި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމަށެވެ.
''ވިޕްލައިނާ ޚިލާފުވީމަ އެއޮންނަ ޤަވާއިދުގެ ދަށުން ފިޔަވަޅުއަޅާނަން. ނަސޭހަތް ދިނުމަށް ފަހު މަޢާފަށް އެދެން ބުނުމާއި، ޕާޓީން މެންބަރުންނަށް ކަނޑައަޅާ ބައެއް އިނާޔަތްތައް ކަނޑާލުމާއި، އެއް އަހަރުވަންދެއް ޕާޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ގެއްލުމާއި، ދެން އެންމެ ފަހު ކަމަކަށް އަޅުގަނޑުމެން އަޅާނެ ފިޔަވަޅަކީ ޕާޓީން ވަކިކުރުން. '' އަސްލަމް ވިދާޅުވިއެވެ.
ތިން ލައިން ވިޕެއް އެމްޑީޕީން ނެރުނީ ފަނޑިޔާރު ޢަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ވެސް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ޖޭއެސްސީން މިދިޔަ މަހު މަޖިލީހަށް ހުށަހެޅީ، އެ ދެ ބޭފުޅުން ޤާނޫނު އަސާސީގެ 152ވަނަ މާއްދާއާ ޚިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި، ސީދާ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާ ހަވާލުވި މައްސަލައިގައެވެ. އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބެލުމަށް ފަހު މިދިޔަ މަހުގެ 18 ވަނަ ދުވަހު ފާސްކޮށްފައި ވަނީ އެ މައްސަލާގައި އިޖުރާއީ އަދުލުވެރިކަން ގާއިމު ކޮށްފައި ނުވާ ކަމަށާއި އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި އަލުން މައްސަލަ ޖޭއެސްސީއަށް ފޮނުވަން ޖެހޭ ކަމަށެވެ.