24 Mar 2012, 21:28
އެމްޑީޕީއަކީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ އެފަދަ އަމަލުތަކަށް ހިއްވަރުދޭ ޕާޓީއެއް ކަމަށް ސަރުކާރުން ބުނެފައި ވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ އެމްޑީޕީގެ މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރަނީ ކުރިންވެސް އެމްޑީޕީގެ ބޮލުގައި ޓެރަރިޒަމްގެ ތުހުމަތުތައް އެޅުވުމަށް ދުރާލައި ރާވައިގެން އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުން ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.
ބަޔާން ބުނަނީ އެމްޑީޕީ އަކީ ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް އިރެއްގައި ހިއްވަރުދޭ ޕާޓީއެއް ނޫން ކަމަށާއި އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް އަބަދުވެސް ހިންގަނީ ސުލްހަވެރިކަމާއެކު ކަމަށެވެ.
ސުލްހަވެރިކަމާއި އެކު އެމްޑީޕީން ސިޔާސީ ހަރަކާތްތައް ހިންގަމުން ދަނިކޮށް އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ރާވައިގެން "ލާއިންސާނީ އަމަލުތަކެއް" ހިންގުމަށް ފަހު، އެ ހަރަކާތްތައް އެމްޑީޕީގެ ބޮލުގައި އަޅުވައި، ނުހައްގުން އެ ޕާޓީގެ މެންބަރުންތައް ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
"... އެމްޑީޕީ އަކީ ޓެރަރިޒަމްގެ ޢަމަލުތަކަށް އެއްވެސް އިރެއްގައި ހިއްވަރުދޭ ޕާޓީއެއް ނޫނެވެ. އެމްޑީޕީގެ ސިޔާސީ ޙަރަކާތްތައް އަބަދުވެސް ހިންގަމުން މިދަނީ ސުލްޙަވެރިކަމާއެކު އެވެ. އެހެން ނަމަވެސް އެމްޑީޕީން ހިންގާ ހަރަކާތްތަކާ ދިމާކޮށް، ސިޔާސީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ލާއިންސާނީ ޢަމަލުތަކެއް ހިންގުމަށް ފަހު، އެ ހަރަކާތްތައް އެމްޑީޕީގެ ބޮލުގައި އަޅުވައި، ނުހައްގުން މި ޕާޓީއާއި، މި ޕާޓީއަށް ތާޢީދުކުރާ އެތައް ބަޔަކު ހައްޔަރުކޮށްފައިވާކަން މި ޕާޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
މިފަހަކަށް އައިސް ފުލުހުންނާއި ސިފައިންނަށް ހަމަލާދެނީ އެމްޑީޕީން ރާވައިގެން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާއިރު އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ފުލުހުންނާއި ސިފައިންނަށް ހަމަލާ ދިނުމަކީ އެޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އަދި އެފަދަ ކަމަކަށް އެޕާޓީން ހިތްވަރު ވެސް ނުދޭނެ ކަމަށެވެ.
"އެމްޑީޕީން އަބަދުވެސް ގޮވާލަމުން މިގެންދަނީ ސުލްހަވެރިކަމާއެކު އިޙްތިޖާޖުކުރުމަށެވެ. އެއްވެސް ދިވެހިރައްޔިތަކަށް، އެއީ ފުލުހެއް ކަމުގައި ވިޔަސް އަދި ސިފައިންގެ މީހެއް ކަމުގައި ވިޔަސް، އެއްވެސް އަނިޔާއެއް ދިނުމަކީ އެމްޑީޕީން ބަލައިގަންނަ އަދި ހިއްވަރުދޭނޭ ކަމެއް ވެސް ނޫނެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.