ޓޮޓެންހަމް އަތުން މޮޅުނުވެވުމުން ޗެލްސީއަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ. މި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

މިއީ ރަޝިޔާގެ މަހުޖަނު ރޯމަން އަބްރޮމޮވިޗް ޓީމާ ހަވާލުވި ފަހުން ޗެމްޕިއަންސް ލީގުން ކެޓުމާ ޗެލްސީ ކުރިމަތިލާން ޖެހޭ ފުރަތަމަ ފަހަރެވެ.

ޖުމުލް 20 ޓީމު ވާދަ ކުރާ އިނގިރޭސި ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެން އޮތީ އަށް މެޗެވެ. މިހާތަނަށް 30 މެޗު ކުޅެގެން ޗެލްސީ އަށް ލިބިފައިވަނީ 50 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނަ އެވެ. ހަތަރު ވަނާގައިވާ ޓޮޓެންހަމަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. މި އަދަދަށް ތިން ވަނާގައިވާ އާސެނަލް އަށް ވެސް ޕޮއިންޓް ލިބިފައިވެ އެވެ. އިނގިރޭސި ލީގުން ޗެމްޕިއަންސް ލީގުގެ ޖާގަ ލިބެނީ ގަދަ ހަތަރު ޓީމަށެވެ. ލީގުގެ އެންމެ ކުރީގައި އޮތީ 70 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑެވެ. އެ ޓީމާ އެންމެ ގާތުން ވާދަ ކުރަނީ 69 ލިބިފައިވާ ވާދަވެރި މެންޗެސްޓާ ސިޓީ އެވެ.