ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ މޮޅު ލީޑަރެއް ކަމަށާއި 2023ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2018އިން ފެށިގެން އޭނާ ރައީސް ޞާލިޙުގެ ކެބިނެޓުގައި ވަރަށް ގާތުން މަސައްކަތް ކުރައްވާފައިވާ ކަމަށާއި ރައީސަކީ ކެތްތެރި އަދި އެހެން މީހުންގެ އަޑުއައްސަވާ ބޭފުޅެއް ކަމަށެވެ.

"އެމަނިކުފާނަކީ ހުޅުވާލެވިފައިވާ ވިސްނުމަކާއެކު އަޑުއަހަން ތައްޔާރަށް ހުންނެވި ބޭފުޅެއް. ކެތްތެރި، މޮޅު ޓީމު ލީޑަރެއް. 2023 ގައި އަޅުގަނޑުގެ ފުރިހަމަ ތާއީދު ރައީސަށް އެބައޮތް،" މާރިޔާ ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލާން ތައްޔާރަށް ހުންނެވިކަން ފުރަތަމަ ފަހަރަށް މިދިޔަ ބުދަ ދުވަހު އިއުލާނު ކުރައްވާފައެވެ.

ނަމަވެސް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއީ ވެރިކަމަށް ފައިނަންގަވަންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙުގެ ކެންޑިޑެސީގެ އުންމީދު ގުޅިފައި އޮތީ ޖުމްހޫރީ ޕާޓީން ނިންނާ ނިންމުމެއްގެ މައްޗަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުالله ވަނީ މީގެ ކުރިން އިއުލާނު ކުރައްވާފައެވެ.

މިނިސްޓަރު މާރިޔާއަކީ ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.

ދެހާސް އަށް ވަނަ އަހަރު ނަޝީދު ރައީސް ކަމަށް އިންތިހާބުވި އިރު މާރިޔާ ހުންނެވީ އެމްޑީޕީގެ ޗެއާޕާސަން ކަމުގައެވެ. ނަޝީދުގެ ވެރިކަމުގައި ވެސް އަދި ވެރިކަމަށް ފަހުގައި ވެސް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި މާރިޔާ ވަނީ ނަޝީދާއެކު އެންމެ އިސް ސަފުގައި މަސައްކަތްކުރައްވާފައެވެ.