ހުއްދަ ނޫން ކެމިކަލް ހަތިޔާރު ގެންގުޅޭ ނަމަ ބޮޑު އަދަބެއް ދޭގޮތަށް 'ކެމިކަލް ހަތިޔާރު މަނާ ކުރުމުގެ ގާނޫނު' ހަދަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވާފައިވާ އެ ބިލުގައި މަނާ ކުރާ ކެމިކަލް ހަތިޔާރެއް ލައިސަންސަކާ ނުލާ ލިބިގަތުމާ، ގެންގުޅުމާ، ބެހެއްޓުން އަދި އުފެއްދުމުން އަދަބުގެ ކުޑަ ބޮޑު މިނަށް ބަލައި އެމީހަކު ޖޫރިމަނާ ކުރުން ނުވަތަ ޖަލަށް ލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިގެންވެއެވެ.

އެފަދަ ކުށެއް ކުރާ މީހަކު ޖޫރިމަނާ ކުރާނީ 500،000 (ފަސް ލައްކަ) ރުފިޔާ އިން ފެށިގެން 1،000،000 (އެއް މިލިއަން) ރުފިޔާ އާއި ދެމެދުގެ އަދަދަކުންނެވެ. އަދި އެމީހަކު ފަސް އަހަރު ދުވަހާ 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ވެސް އެ ބިލުގައި ދީފައިވެއެވެ.

އެ ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ 'ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން ސްޓޮކްޕައިލިންގް އެންޑް ޔޫޒް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއާ ޑިސްޓްރަކްޝަން 1993' ގެ ދަށުން ރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާ، އުފެއްދުމާ، ރައްކާކުރުމާ، ބޭނުންކުރުން މަނާކުރުމާ އެތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.

ބިލުގައި ބަޔާން ކޮށްފައިވާ ގޮތުން މުއާހަދާ ތަސްދީގު ކޮށްފައިވާ ގައުމުތަކުގެ އިޚްތިޞާޞް ހިނގާ ސަރަހައްދުތަކުން ބޭރުގައި މަނާ ކެމިކަލެއް ގެންގުޅުމަކީ ވެސް ކުށެކެވެ. އަދި ބިލު ފާސްވެ، ތަސްދީގު ކުރެވުމުން ގާނޫނު ތަންފީޒު ކުރުމަށްޓަކައި 'ކެމިކަލް ވެޕަންސް ޔުނިޓް' ގެ ނަމުގައި ޚާއްސަ ޔުނިޓެއް އުފައްދަން ޖެހޭނެއެވެ.

އެ ގާނޫނުގެ ދަށުން ދޫކުރަން ޖެހޭ ލައިސަންސާ ރެޖިސްޓްރޭޝަންތައް ދޫކުރާނީ އެ ޔުނިޓުންނެވެ. އަދި މުއާހަދާގެ ދަށުން ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުވާ އެންމެހާ ވާޖިބުތައް އަދާކުރުމައެކު ބޭރުގެ ފަންނީ މާހިރުންނާ ތަޖުރިބާކާރުންގެ ލަފާ އެ ޔުނިޓުން ހޯދަން ޖެހޭނެއެވެ.

ރާއްޖެއާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުން ކުރުން ނުވަތަ ބޭނުން ކޮށްފާނެ ކަމުގެ ބިރު އޮންނަ ހާލަތްތަކުގައި މުއާހަދާ ތަސްދީގު ކޮށްފައިވާ އެހެން ގައުމެއްގެ އެހީތެރިކަމާ ރައްކާތެރިކަން ހޯދަން ޖެހޭނެއެވެ. ނުވަތަ އެހެން ގައުމަކުން އެހީތެރިކަމަށް އަދި ރައްކާތެރިކަމަށް އެދެފިނަމަ އެކަން ފޯރު ކޮށްދިނުމަކީ ވެސް ކެމިކަލް ވެޕަންސް ޔުނިޓުގެ ޒިންމާއެކެވެ.

މަނާ ކޮށްފައިވާ ނުރައްކާތެރި ކެމިކަލްއެއް ދިރާސާއެއް ކުރުމަށް، ސިއްހީ ފަރުވާއެއް ކުރުމަށް، ބޭހުގެ ގޮތުގައި ބޭނުން ކުރުމަށް އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއް އެޅުމަށް ބޭނުން ކުރުން ހުއްދަވާނެއެވެ.