ކުޅުދުއްފުށީގައި ޒުވާން އަންހެން ކުއްޖަކަށް އަނިޔާކޮށް ކަޓަރު އަޅައި ޒަހަމްކޮށްލުމަށްފަހު މަގުމައްޗަށް އެއްލާލާފައި އޮއްވާ ފެނިއްޖެ އެވެ. މިއަދު ހަވީރު 4:00 ޖަހާ އެހާކަންހާއިރު ކަޓަރު އަޅައި ޒަހަމްކޮށްލާފައި ވަނީ ކުޅުދުއްފުށީ މުސްތަރީގެ ރަޒްލީ ޒަކަރިއްޔާ، 22، އެވެ.

ފުލުހުން ބުނީ ރަޒްލީ އަށް ހަމަލާދިން އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ބަޔަކު ރަޒްލީއަށް ތޫނު އެއްޗަކުން ހަމަލާދީ ވާތު ކުޑަހުޅުން އެއް އިންޗިހާތަން ޒަހަމްކޮށްލާފައިވާ ކަމަށެވެ. މިވަގުތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ރަޒްލީއަށް ފަރުވާ ދެމުން އަންނަ ކަމަށާއި މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

"މިވަގުތު އޮތީ އޮބްޒަވޭޝަންގައި ނިދާ އިންޖެކްޝަން ޖަހާފައި،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

މަންޒަރު ދުށް މީހަކު ބުނީ ކުޅުދުއްފުށީ "ފޮޓޯ މެޖިކް" ގައި ވަޒީފާ އަދާކުރާ ރަޒްލީގެ ގައިގައި ކަޓަރު އެޅުމަށްފަހު ވައްޓާލާފައި އޮތީ ރަޒްލީ އުޅޭ ގޭގެ ފުރަގަހުގައި އޮންނަ އާންމުކޮށް މީހުން ބޭނުން ނުކުރާ ގޯޅިއެއްގެ ތެރޭގަ އެވެ. އޭނާ ފެނުނު އިރު އޮތީ ހޭނެތިފައި ކަމަށް ވެސް މަންޒަރު ދުށް އެމީހާ ބުންޏެވެ. އެމީހާ އަދި ބުނީ އެކަންކޮށްފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ކަމަށެވެ.

އެރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ރަޒްލީއަށް ހަމަލާ ދީފައި ވަނީ އަނގައާ ނޭފަތުގައި އަތް އަޅައި ނޭވާ ހާސްކޮށްލުމައްފަހު ކަމަށް ބެލެވޭ ކަމަށާއި ރަޒްލީއަށް މިއަދު ހަމަލާ ދިން އިރު އިއްޔެ ރަޒްލީ އިންނަ ފިހާރައިގެ ތެރެއިން އޭނާގެ އައިޕެޑަކާއި މޮބައިލް ފޯނެއް ގެއްލިގެން ފުލުހަށް ރިޕޯޓް ކުރުމުން އެވަގުތު ފިހާރައިގައިތިބި އެ އަތޮޅު އެހެން ރަށެއްގެ ދެމީހަކު މާލެ އައުމަށް ބޯޓަށް އަރާ ތިއްބާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވާ ވަނިކޮށް ކަމަށެވެ.