13 Jun 2022, 23:17
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކޯސްތަކުގެ މައުލޫމާތު ދިނުމަށް ބާއްވާ "ފަހި ދުވަސް" މިމަހުގެ 26ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.
އެމްއެންޔޫގެ މައި އިމާރާތުގައި ހަވީރު 04:00އިން ހަވީރު 06:00ކަށް އަދި ރޭގަނޑު 08:00އިން 10:00ކަށް ކުރިއަށްގެންދާ މި އިވެންޓުގައި އެ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީ އަކާއި ސެންޓަރުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ.
މި އިވެންޓުގައި ދަރިވަރުންނަށް ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުމާއި ޔުނިވާސިޓީގެ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށް ބޭނުންވާ ލިޔުންތައް އެޓެސްޓްކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.
މި އިވެންޓުގައި މައުލޫމާތު ފޯރުކޮށްދޭނީ ބަހާއި އިންސާނީ އިލްމުތަކުގެ ދާއިރާ، ތައުލީމީ ދާއިރާ، އިންޖިނިއަރިން، ސިއްހީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާ، ދީނީ އިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީއަތާއި ގާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާއިންނެވެ.
އަދި މި އިވެންޓުގައި އަންނަ އޮގަސްޓް މަހުގެ އިންޓޭކަށް ހުޅުވާލާފައިވާ ސްކޮލަޝިޕް ފުރުސަތުތަކާ ބެހޭ މައުލުމާތު ވެސް ފޯރުކޮށްދޭނެއެވެ.