މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު، މ. ލަވްނެސްޓް ގޭގައި ވަޅުލާފައި ހުރި، 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުން ފުލުހުންނަށް ހެދުނު ގޯހެއްގެ ސަބަބުން ސަލާމަތްވެފައި ވަނިކޮށް، އެގޭގައި އަނެއްކާވެސް އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

އެގޭގައި ޑްރަގް އޮޕޮރޭޝަނެއް ކުރިއަށްގެންދާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.

މ. ލަވްނެސްޓް ގޭގައި ވަޅުލާފައި ހުރި، 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ދަފްތަރު ނަންބަރު ރސ 3840، އުމުރުން 39 އަހަރުގެ އަޙްމަދު ޙުސައިންއާއި ކ. މާލެ، މ. ނޫރުއް، އުމުރުން 46 އަހަރުގެ ޢަބްދުﷲ ނަޝީދެވެ. އެ ދެ މީހުން ސަލާމަތްވީ އެގޭގެ ކުރީގެ ވެރިޔާގެ ހުއްދައާ އެކު އެގެ ބަލައި ފާސްކުރުމުންނެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަޙްމަދު ޝަފީއު ވިދާޅުވީ އެހެން މީހެއްގެއަތުން އެގެ ބަލައި ފާސްކުރުމުގެ ހުއްދަ ފުލުހުން ހޯދީ އެގޭގެ ވެރިޔާއަކީ ކާކުކަން އެނގިތިބެ ކަމަށެވެ.

ޝަފީއު ވިދާޅުވީ މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ފުލުހުންނަށް ލިބުނު ކަމަށެވެ. ނަމަވެސް ކޯޓް އަމުރެއް ހޯދާފައިނުވެއެވެ.

ފުލުހުން މީގެކުރިން އެގެ ބަލައިފާސްކުރީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ޝަފީއު ވިދާޅުވިއެވެ.

އެ މައްސަލައިގެ ސީންގައި ކަންވީގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއިރު އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަން ފާހަގަކުރެވޭ ކަމަށެވެ.

އެ މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާގޮތް އިތުރަށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.