ވިއެނާ (މާޗް 24) : ގަލްފުގެ ޢަރަބި ޤައުމުތަކުގެ ބިމުގައި ފައްޅި އެޅުން މަނާކުރަންޖެހޭ ކަމަށް ވިދާޅުވެ ސަޢޫދީ ޢަރަބިޔާގެ މުފްތީ ޝައިހް ޢަބްދުލްޢަޒީޒް އާލުއްޝައިޚް ނެރުއްވި ފަތްވާއަށް ޔޫރަޕްގެ ބައެއް ފައްޅިތަކުގެ ފާދިރީން (އާޗްބިޝޮޕް) ރުޅިވެރިކަމާއެކު ރައްދުދީފި އެވެ.

އިސްލާމީ ދުނިޔޭގައި ވަރަށް ޤަދަރުވެރި އިސްޢިލްމުވެރިއެއް ކަމަށްވާ ސަޢޫދީ މުފްތީ އައްޝައިޚް ޢަބްދުލްޢަޒީޒް އާލުއްޝައިޚް މިދިޔަ ހަފްތާގައި ނެރުއްވި އިސްލާމީ ފަތްވާގައިވަނީ ގަލްފުގެ ޢަރަބި ޤައުމުތަކުގެ ރައްޔިތުންގެ ގޮތުގައި ނަސާރާއިން ނުތިބޭނަމަ އެޤައުމުތަކުގައި ފައްޅިއެޅުން މަނާކުރަންޖެހޭ ކަމަށާއި އިސްލާމް ދީން ނޫން އެހެންދީނަކަށް ފުރުސަތު ދީގެންނުވާނެ ކަމުގަ އެވެ.

ސަޢޫދީ މުފްތީ މިފަތްވާ ނެރުއްވާފައިވަނީ ކުވައިތުގައި މަސައްކަތު މީހުންގެ ގޮތުގައި ބޭރުޤައުމުތަކުގެ ނަސާރާއިން ދިރިއުޅޭތީ އެޤައުމުގައި ފައްޅި އެޅުމަށް ދުނިޔޭގެ ނަސާރާ ބާރުތަކުން ކުރިމަތިކުރާ ފިއްތުންތަކާބެހޭގޮތުން ކުވައިތުގެ ޕާލަމެންޓް މެންބަރަކު ދެންނެވި ސުވާލަކާ ގުޅިގެންނެވެ.

ކުވައިތުގެ ޕާލަމެންޓުން ގެންދަނީ އެޤައުމުގައި ފައްޅިއެޅުން މަނާކުރާ ޤާނޫނެއް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ. ކުވައިތުގެ ޕާލަމެންޓް މެންބަރަކު ވަނީ އޭނާގެ ޤައުމުގައި ފައްޅިއެޅުން ދީނީ އުސޫލަކުން މަނާކުރުމާބެހޭގޮތުން ސަޢޫދީ މުފްތީއާ ސުވާލު ކުރައްވާފަ އެވެ. މިކަމާބެހޭގޮތުން ސަޢޫދީ މުފްތީ ނެރުއްވި ފަތްވާގައިވަނީ ގަލްފުގެ ޤައުމުތަކުގައި ފައްޅިއެޅުން މަނާކުރުމަށާއި މިހާރު ފައްޅިއެއްއަޅާފައިވާނަމަ އެފައްޅިއެއް ތަޅާލުމަށެވެ.

މިފަތްވާއާގުޅިގެން ރުޅިގަދަވެފައިވާ ޖަރުމަނު، އޮސްޓްރިޔާ އަދި ރަޝިޔާގެ ނަސާރާ ފައްޅިތަކުގެ އިސްފާދިރީންވަނީ ސައޫދީ މުފްތީގެ ފަތްވާއަކީ "އިންސާނީ ހައްޤުތަކާ" އަދި "ދީނީ މިނިވަންކަމާ" މުޅިން އިދިކޮޅު ފަތްވާއެއް ކަމަށް ސިފަކޮށްފަ އެވެ.

ގަލްފުގެ ޢަރަބި 6 ޤައުމުގެ ތެރެއިން ގިނަ ޤައުމުތަކަކީ 100% މުސްލިމް ޤައުމުތައްކަމުން މި 6 ޤައުމުގެ ތެރޭން ފައްޅި ހުރިކަމަށްވަނީ އެންމެ ދެޤައުމެއްގައެވެ. އެއީވެސް ދެތިން ހަތަރު ފައްޅި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގަލްފުގައިމިހާރުހުރި ފައްޅިތައް ތަޅާލުން ވެގެންދާނީ "އިންސާނިއްޔަވަންތަކަމުގެ މޫނުމަތީގައި ތަފާލެއް ޖެހުން" ފަދަ ކަމެއް ކަމަށް ބުނެ ޔޫރަޕްގެ އިސްފާދިރީންވަނީ ސަޢޫދީ މުފްތީއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. (ރޮއިޓާސް)