13 Jun 2022, 14:45
ޔޫތު މިނިސްޓްރީ އިން އިންތިޒާމު ކޮށްގެން ހިންގާ "ހަފްތާ ރެސް" ޕްރޮގްރާމުގެ ތެރެއިން ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ އަމަލެއްކަމަށް ބުނެ މައުލޫމާތު ދީފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއްނޫން ކަމަށް އެ މިނިސްޓްރީއިން މިއަދު ބުނެފިއެވެ.
ޔޫތު މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ގެންދާ ހަފްތާރޭސް ޕްރޮގްރާމުގައި ރ. އުނގޫފާރުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިރުކުރުކަމަށް ބުނެ މައުލޫމާތު ދިން ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
"އެ ޕްރޮގްރާމު ހިންގަމުންދާތާ ތިން އަހަރު ވެއްޖެ. އެކަހަލަ ކަމެއް ނުހިންގަން އަދި ނުވެސް ހިންގާނަން. އެކަމުގެ ޔަގީންކަން މިނިސްޓްރީ އިން ދެން،" ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިހާތަނަށް ޕްރޮގްރާމު ކުރިއަށް ގެންދިޔަ އެއްވެސް ރަށަކުން އެކަހަލަ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ރަނގަޅު މަގުސަދެއްގައި މުޖުތަމައަށް ފައިދާވާ ގޮތަަށް ހިންގާ އެފަދަ ޕްރޮގްރާމުތަކުގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ނުދެއްކުމަށް މިނިސްޓްރީ އިން އެދޭ ކަމަށް ޔޫތު މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ހަފްތާރެސް ނަމުގައި ޔޫތު މިނިސްޓްރީ އިން ހިންގާ ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި ދިރިއުޅުމުގެ ރީތި އާދަތައް މުޖުތަމައުގައި އަށަގެންނެވުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީ އިން މައުލޫމާތުދެއެވެ.