24 Mar 2012, 16:00
ދައުލަތުން ކުޅިވަރަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު، ރެކޯޑް އަދަދެއް ކަމަށްވާ 39 މިލިއަން ރުފިޔާގެ ބަޖެޓެއް އޮލިމްޕިކް ކޮމިޓީން ފާސްކޮށްފި އެވެ.
ރާއްޖޭގެ ތާރީހުގައި އޮލިމްޕިކް ކޮމިޓީން ފާސްކުރި އެންމެ ބޮޑު ބަޖެޓްގެ ބޮޑުބައި ކަމަށްވާ 84 ޕަސެންޓް ހޭދަކުރަން ނިންމާފައިވަނީ އޮލިމްޕިކް ހައުސް ހެދުމަށެވެ. މިދިޔަ އަހަރު ފަހުކޮޅު އިފްތިތާހު ކުރި އޮލިމްޕިކް ހައުސްގެ އިމާރާތުގެ ބިންގާ އަޅަން ނިންމާފައިވަނީ މި އަހަރުގެ މެދުތެރޭގަ އެވެ.
ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ބައިވެރިވެ ފާސްކުރި ބަޖެޓުގެ ބާކީ 16 ޕަސެންޓްގެ ތެރެއިން ބޮޑުބައެއް ހާއްސަކުރާނީ މި އަހަރު ފަހުކޮޅު ބާއްވާ ސާފް ގޭމްސް އަށް ތައްޔާރުވުމަށެވެ.
އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް ވިދާޅުވީ ރެކޮޑް ބަޖެޓެއް ފާސްކުރީ އޮލިމްޕިކް ކޮމިޓީގެ ބަޖެޓް ކުޑަވެގެން ފުޓްބޯޅަ ފަދަ ބޮޑެތި އެސޯސިއޭޝަންތަކުން މައްސަލަ ޖައްސާތީ އެވެ. ނަމަވެސް އޭނާ ވިދާޅުވީ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އޮލިމްޕިކް ބަޖެޓް ކުޑަކަމަށާއި ބޮޑަށް މިތަންތަން ހިންގަނީ ހިލޭ އެހީގެ ދަށުން ކަމަށެވެ. ނަމަވެސް މި އަހަރަށް ބޭނުންވާ ބަޖެޓް ހޯދުމަށް އެކިއެކި ފެޑަރޭޝަންތަކާ ވާހަކަދެކެވި އެއްބްސްވުމަކަށް އާދެވިފައިވާ ކަމަށެވެ.