ފުވައްމުލައް ސިޓީގެ ހުކުރު މިސްކިތު ގަބުރަސްތާނުގެ ދުވަސްވީ މަހާނަ ގާތަކަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުން ދީފަވާ ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ފިކުރީ މިއަދު "ސަން" އަށް ވިދާޅުވީ ބައެއް މަހާނަ ގާތަށް އެއްކޮށް ތަޅާލައި ގޮނޑުދޮށަށް އަޅާލާފައިވާ ކަމަށެވެ.

"ނޭނގެ ސީދާ ކޮން ވަގުތެއްގަ ކަމެއް. ފަތިސް ނަމާދަށް ދިޔައީމަ އެނގުނީ. ވަރަށް ބޮޑު ގެއްލުމެއް ދީފަ އެވަނީ. ގިނަ ގާތައް ތަޅާފަ ގޮނޑުދޮށަށް އަޅާފަ ހުރީ،" ފިކުރީ ވިދާޅުވިއެވެ.

ގެއްލުން ދީފައިވާ ފުވައްމުލަކު ހުކުރު މިސްކިތު ގަބުރުސްތާނުގެ ގާތައް --- ފޮޓޯ/ ކައުންސިލު

ފިކުރީ އިތުރަށް ވިދާޅުވީ އެކަން ކުރި ބަޔަކު އަދި ނޭނގޭ ކަމަށާއި އެ މައްސަލަ ކައުންސިލުގެ ފަރާތުން މިހާރު ވާނީ ފުލުހަށް ހުށަހަޅާފައި ކަމަށެވެ. އަދި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހުކުރު މިސްކިތަކީ މިލާދީ ގޮތުން 1701 ވަނަ އަހަރު ދެއްވަދޫ ރަސްގެފާނު ބިނާ ކޮށްދެވި މިސްކިތެކެވެ. އަދި އޭގެ ފަހުން 1930 ގެ އަހަރުތަކުގައި މިސްކިތަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފައިވާއިރު މިސްކިތުގެ އަސްލު ވަނީ މުޅިންހެން ގެއްލިފައެވެ.

މިކަމާ ގުޅިގެން މިސްކިތްތަކުގެ ކަންތައްތައް ބަލެހެއްޓުމުގެ ސެކްޝަނާއި ހަވާލުވެ ހުންނެވި ފުވައްމުލައް ސިޓީގެ ކައުންސިލުގެ އެސިސްޓެންޓް އެގްޒެކެޓިވް މުޙައްމަދު އަލި ދީދީ މިއަދު "ސަން" އަށް ވިދާޅުވީ މިސްކިތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ހުރިނަމަވެސް މިސްކިތުގައި ހުރި މަހާނަ ގާތަކަށް ދިން ގެއްލުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.

"އެއްކޮށްހެން ގާތަށް އެވަނީ ސުންނާފަތިކޮށްފަ. ވަރަށް ހިތާމަވެރިކަމެއް. އެ ގާތަކުން ދައްކުވައިދެނީ މިތާގެ ތާރީޚު. ތަނަކީވެސް އަދި އެ ގާތަކަކީ ވެސް ދިވެހިންގެ ތާރީޚުގެ ބައެއް،" އޭނާ ވިދާޅުވިއެވެ.

ގެއްލުން ދީފައިވާ ފުވައްމުލަކު ހުކުރު މިސްކިތު ގަބުރުސްތާނުގެ ގާތައް --- ފޮޓޯ/ ކައުންސިލު

މިކަމާ ގުޅިގެން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއިލް ނާއިލް ވިދާޅުވީ ފުވައްމުލަކު ހުކުރު މިސްކިތު ގަބުރުސްތާނުގައި ހުރި ގާތަކަށް ގެއްލުން ދިން މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ މައްސަލަ އެ މަރުކަޒަށް ލިބިފައިވަނީ މިއަދު މެންދުރު 12:05 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ. މައުލޫމާތު ލިބުނު ވަގުތު އެކަން ވާނީ ފުވައްމުލަކު ކައުންސިލުގެ ސަމާލުކަމަށް އެ މައްސަލަ ގެނެސް، ފުލުހަށް ވެސް ހުށަހަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ދެރަ ކަމެއް މިއީ. އެ ގާތަކަކީ ދިވެހިންގެ ތާރީޚު ދައްކުވައިދޭ ގާތަކެއް. އަނެއްކާ ޤުރުޢާނުގެ އަކުރުތައް ކަނޑާނަގައިގެން ލިޔެފަ ހުރި ގާވެސް އެތާނގަ އެބަހުރި. އަދި ދިވެހިންގެ އަތްތެރި މަސައްކަތުގެ ފުރިހަމަ ނަމޫނާ އެ ގާތަކުން ފެނޭ. ހުރިހާ ގޮތަކުން ބެލިޔަސް މިއީ ކުރެވިގެން ވާނެ ކަމެއް ނޫން" ނާއިލް ވިދާޅުވިއެވެ.

ފުވައްމުލަކު ހުކުރު މިސްކިތުގެ ގަބުރުސްތާނުގައި ދިޔަމިގިލީ ދަރިކޮޅުގެ މުޙައްމަދު ޣިޔާސުއްދީން ގެ ދަރިކަލުން އިބުރާހިމް ފާމުލަދޭރި ކިލެގެ ފާނާއި އަލް އަމީރު ޙަސަން ޢިއްޒުއްދީނާއި އެކިލަގެފާނުގެ އާއިލާ ބޭފުޅުން ވަނީ ފަސްދާނުލައިފައެވެ.

މީގެ އިތުރުން ތާރީޚުގައި މަޝްހޫރު މާފިލާފުށީ ރަސްގެފާނު ނުވަތަ ސާމިޔާ ފާށަނާ ކިލެގެ އަދި އުތީމު ބޮޑުރަސްގެފާނުގެ ޢާއިލާގެ ބޭފުޅުން ފަސްދާނުލެވުނީ ފުވައްމުލަކު ހުކުރު މިސްކިތުގެ ގަބުރުސްތާނުގައެވެ.

އޭގެ ތެރެއިން އިބުރާހިމް ފާމުލަދޭރި ކިލެގެފާނު ފިޔަވާ ދެންތިއްބެވީ އަރުވާލެއްވި ބޭފުޅުންނެވެ.