13 Jun 2022, 13:35
ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ނަމުގައި ވެރިކަންކުރާ އެމްޑީޕީން އުޅެނީ ބަޔަކަށް އަނިޔާއެއްދިނުމަށް ފަސޭހަކުރަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވެފައިވަނީ މިސަރުކާރު ވެރިކަމަށް އައުމަށް ކެމްޕެއިންތެރޭގައި އެންމެ އަޑުހަރުކޮށް ދެއްކެވި ވާހަކައަކީ ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކަ ކަމަށާއި އެހެންނަމަވެސް ވެރިކަމަށް ހަތަރު އަހަރުވާން ކައިރިވެފައިވާއިރު ފަނޑިޔާރުގެއަށް ގެނައުމަށް ބުނި އިސްލާހު ގެނެވިފައި ނުވާކަމަށެވެ.
''ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލުކުރާ އިސްލާހު އަދިވެސް ނާދެ. އަދިވެސް ނާދެ،'' ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ލެޖިސްލޭޓިވް އެޖެންޑާ 99.99 އިންސައްތަ ހާސިލްވެއްޖޭ އެމްޑީޕީން ބުނަމުންދާއިރު އެމްޑީޕީން ވަކާލާތު ކުރަމުންދިޔަ އިންސާފުވެރި ފަނޑިޔާރުގެއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރެވިފައިނުވާކަމަށް ބުނެ ޝިޔާމް ވަނީ ފާޑުވިދާޅުވެފައެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ސަރުކާރަށް ރައްޔިތުންކުރާ އިތުބާރު ގެއްލޭވަރު ވެއްޖެ ކަމަށެވެ.
''ރައްޔިތުން ސަރުކާރަށް އެކުރާ އިތުބާރު އޮތްނަމަ، ޔަޤީނުންވެސް އެ އިތުބާރު މިހާ ހިސާބުން ގެއްލޭ ކަމެއް މިއީ. އެއީ އެންމެ ބާރަށް ދެއްކި ވާހަކައަކީ މިވާހަކަ[ޖޭއެސްސީ ޤާނޫނު އިސްލާހު ކުރުމަށް] ވާތީ.'' ޝިޔާމް ވިދާޅުވިއެވެ.
އަދި ފަނޑިޔާރުގެ އިސްލާހު ކުރުމަށްޓަކައި ނުވަތަ ސަރުކާރަށް މިކަންތައް ހާސިލުކޮށްދިނުމަށްޓަކައި ސަރުކާރުގެ އެއްވެސް މެންބަރަކު މަސައްކަތް ނުކުރައްވާކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިޤު ތިން ފަހަރަށް މި އިސްލާހު ހުށަހަޅުއްވަން ޖެހުނުކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ފަނޑިޔާރުގެ އިސްލާޙުކުރުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށާއި ބޭނުންވަނީ އަމިއްލަ ބާރުން ދައުލަތް ހިންގަން ކަމަށް އޭނާ ވިދާޅުވިއެވެ.
''މި ސަރުކާރުން ފަނޑިޔާރުގެ އިސްލާހު ކުރުމުގެ އެއްވެސް ނިޔަތެއްނެތް. ބޭނުންވަނީ ގޮށްމުށުގެ ބާރުން ދައުލަތް ހިންގަން'' ޝިޔާމް ވިދާޅުވިއެވެ.
އަދި މިހާރު ވެރިކަންކުރަމުންމިދަނީ ސިފައިންނާއި މިލިޓަރީ ބެނުންކޮށްގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖޭއެސްސީ އިސްލާހުކުރުމަކީ އެމްޑީޕީގެ ވައުދެކެވެ. އަލަށް ހުށަހެޅި އިސްލާހުގައި ބުނާގޮތުންނަމަ ތަހުޤީގު ރިޕޯޓު އެފަނޑިޔާރަކަށް ލިބޭ ތާރީޚުން ފެށިގެން ރަސްމީ ބަންދުނޫން ހަތް ދުވަހުގެ ތެރޭގައި ތަހުޤީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން މުޅި މައްސަލައާ މެދު ޖުމްލަ ގޮތެއްގައި ވާހަކަދެއްކުމަށް އަޑުއެހުމެއް ބާއްވަންވާނެއެވެ. އަދި މައްސަލަ ރައްދުވާ ފަނޑިޔާރުގެ ބާރުގެ ދަށުގައިވާ ކަމަކާއި ނުލައި މައްސަލަ ބެލުން ލަސްވެއްޖެނަމަ އިތުރު މުހުލަތެއް އެދި އެކޮމިޝަނަށް ހުށެހެޅުމުގެ ފުރުޞަތު އެ ފަނޑިޔާރަކަށް ލިބިގެންވާނެއެވެ.
މީގެ އިތުރުން ތަހުޤީގުކުރެވުނު މައްސަލައިގެ ބާވަތައްބަލައި އިތުރު ތަމްރީނު ބޭނުންވާކަމަށް ކޮމިޝަނަށް ފެންނަ ހާލަތްތަކުގައި ކޮމިޝަނުން ކަނޑައަަޅާ ތަމްރީނެއް ފުރިހަމަ ކުރުމަށް އެ ފަނޑިޔާރަކަށް އެންގޭނެއެވެ.