އއ. އުކުޅަހުގައި ދެ އަހަރާ ބައިގެ ކުޑަ ކުއްޖަކު ބެޓެރިއެއް ދިރުވާލައިގެން އައިޖީއެމްގައި އެޑްމިޓްކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބެޓެރި ދިރުވާލި ކުއްޖާ އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކީ އއ. އުކުޅަހު ހެލްތް ސެންޓަރަށެވެ.

އެ ސެންޓަރުގެ މެނޭޖަރު އަބްދުﷲ ސައީދު "ސަން" އަށް ވިދާޅުވީ، އެދުވަހު ކުއްޖާ ހެލްތް ސެންޓަރަށް ގެންދިޔައިރު، އެތެރޭގައި ބެޓެރި އިންކަމެއް ނުވަތަ ނޫންކަމެއް ޔަގީން ނުވާތީ، އެ އަތޮޅު އަތޮޅު ހޮސްޕިޓަލަށް ފޮނުވިކަމަށެވެ.

"އެއީ ލިތިއަމް ބެޓެރިއެއް. ގަޑި އެއްޗެއްސަށް ލައްވާކަހަލަ ބެޓެރި. ރައުންޑްކޮށް ހުރެއެންނު. އޭގެ ބެޓެރިއެއް އެއީ،" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އެކްސްރޭ ނެގުމަށްފަހު، ބެޓެރި އިންކަން ޔަގީންވި ކަމަށާއި، އެހެންކަމުން އެ ނެގުމަށް މާލެ ފޮނުވި ކަމަށެވެ.

ކުޑަކުއްޖާ ދިރުވާލި ބެޓެރި -- ފޮޓޯ/ އާއިލާ

ނަން ނުޖެހުމަށް އެދި "ސަން" އަށް މައުލޫމާތު ދެމުން ކުއްޖާގެ މަންމަ ބުނީ، އެދުވަހު ކުއްޖާ ގެންގުޅުނީ ކުޅޭ ފޯނެއް ކަމަށެވެ. އަދި ކޮންމެވެސް ގޮތަކުން ބެޓެރި އިންނަ ބައިގެ މަތި ނެގިގެން، އެއް ބެޓެރި ދިރުވުނީ ކަމަށެވެ.

"އޭނައަށް ޓޫ އެންޑް ހާފް. އެކަމު ވަރަށް ވާހަކަވެސް ނުދެއްކޭނެ. ތަންކޮޅެއް ލަހުން ވާހަކަ ދެއްކޭ ކުއްޖެއް. އޭނައަށް ކާންދީފަ އަހަރެ ހުރީ ބަދިގޭގަ. ދެން އޭނަ ކުޅޭ ފޯނު ހިފައިގެން އައީ، އައިއްސަ ފޯނު ދީފަ ބުނީ މަންމާއޭ، ކިޔާފަ އަނގަ ހުޅުވާފަ އަނގަޔަށް އިނގިލިލީ،" ކުއްޖާގެ މަންމަ ކިޔައިދިނެވެ.

ކުއްޖާގެ މަންމަ ބުނި ގޮތުގައި، އައިޖީއެމްއެޗްއިން އެކްސްރޭ ނެގުމަށްފަހު ފުރަތަމަ ބެލީ ބެޓެރި އިން ހިސާބު ކަމަށާއި، އޭރު ބެޓެރި އޮތީ އަނގަޔަށް އެއްޗެއް ލައިގެން ނެގޭ ވަރަށް ވުރެ ތިރީގައި ކަމަށެވެ.

އެހެންކަމުން ކުއްޖާ އެޑްމިޓް ކޮށްގެން ގިނައިންދިޔާ އެއްޗެއްސާއި މޭވާ ދިނުމަށް ހޮސްޕިޓަލުން އާއިލާގާތުން އެދުނެވެ. އަދި ސާރަޖީއަކަށް ދާނީ އެގޮތުން ނުނެގިއްޖެ ނަމަ ކަމަށް ބުންޏެވެ.

އެހެންކަމުން ކުއްޖާ އެޑްމިޓް ކޮށްގެން ކޮށްގެން، ހޮސްޕިޓަލުން އިރުޝާދު ދިން ގޮތަށް އާއިލާއިން ކަންތައް ކުރުމުން، ބޮޑުކަމުދާ ތަކެއްޗާއެކު ބެޓެރި ބޭރުވި ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.

މިފަދަ ތަކެތި ކުދިން ދިރުވައިގެން އުޅޭ މައްސަލަ ކޮންމެވެސް ވަރަކަށް ފެންމަތިވާކަން ފާހަގަ ކުރައްވަމުން އުކުޅަހު ހެލްތް ސެންޓަރުގެ މެނޭޖަރު ސައީދު ވިދާޅުވީ، މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި ޕިނާއި ރުފިޔާ ފަދަ، ކުދިންނަށް ފަސޭހައިން ދިރުވާލެވޭ އެއްޗެއްހި ކުދިންގެ އަތު ޖެހޭ ހިސާބުގައި ނުބަހައްޓާ ވޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.