24 Mar 2012, 15:23
ހުރިހާ ކަމެއްގައި މުޅި ރާއްޖެ ހަމައިން ނައްޓާލައިގެން ދިޔައީ ގާނޫނީ އިމުގެ ބޭރުން ފިޔަވަޅުތައް އަޅަން ފެށުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ކަމެއް ކިތަންމެ ބޭނުން ވިޔަސް އަމަލު ކުރަން ޖެހޭނީ ގާނޫނާއި ގަވައިދުގެ އިމުގެ ތެރޭގައި ކަމަށާއި އެއީ މަޖިލިސް ކަމަށް ވިޔަސް އެހެން ކަންކަމުގައި ވިސް އަމަލު ކުރުން އޮންނަން ޖެހޭނީ ގާނޫނީ އިމާއި ތަރަހައިގެ ތެރޭގައި ކަމަށެވެ. މިއީ ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ހާލަތާ ބެހޭ ގޮތުން އެމަނިކުފާނު މިފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.
"މަޖިލިސް އެކަންޏެއް ނޫން ހުރިހާ ކަމެއްގައި ވެސް [ރާއްޖޭގެ] ކަންތައްތައް ހަމައިން ނައްޓާލައިގެން އުޅޭ ސަބަބަކީ، މުޅި ރާއްޖޭގެ ނިސްބަތުން ކަންތައްތައް ހަމައިން ނައްޓާލައިގެން މިދިޔައީ ގާނޫނީ އިމުގެ ބޭރުން ފިޔަވަޅު އަލަން ފެށުމާ ހިސާބުން،" ގާނޫނޫ ހަދާ ބާރުގެ އިސްވެރިޔާ ވިދާޅުވި އެވެ. "ވެރިކަމުގެ ހިސާބުން ވެސް ގާނޫނީ އިމުގެ ބޭރުން ފިޔަވަޅުން އަޅަން ފަށާ ހިސާބުން ކަންތައްތައް [ގޯސްކޮށް] މިދަނީ، އަޅުގަނޑު އިރާދަ ކުރެއްވިއްޔާވ މަޖިލީހުގެ ރައީސަކަށް ހުރެގެން ކަންތައްތައް ކުރަމުން މިދަނީ ގަވައިދާ ގާނޫނުގެ ތެރޭގައި ކިތަންމެ ބޭނުންވިޔަސް އެއީ ކިތަންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑަށް ފެނުނަސް ގަވައިދުގައި ނެތް ކަމެއް އަޅުގަނޑު ކޮށްފިއްޔާ އެއީ ގޯސްވީ އަޅުގަނޑު އެހެނެއް ނުހަދާނަން، ރާއްޖެގައި މިވަގުތު ހުރިހާ ކަމެއް ހަމައިން ނައްޓާލީ ގާނޫނުގެ އިމުގެ ބޭރުން ފިޔަވަޅު އަޅަން ފެށުމުން،" ޝާހިދު ތަކުރާރު ކުރެއްވި އެވެ.
އެމަނިކުފާނު އަދި ވިދާޅުވީ ރާއްޖެއަށް މިވަގުތު ހަމަޖެހުން ގެނައުމަށް ބޭނުން ވަނީ ފިތުނަވެރިކަން ނޫނަ ކަމަށެވެ. އެންމެ އެއްބާރުލުން ކަމަށެވެ.