އދ. އަށް ރާއްޖެ އިން ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ފަސްޓް ސެކެޓްރީ ކަމުގެ މަގާމަށް ރައީސް މުހައްމަދު ވަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދު ހަމަޖައްސަވައިފި އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ ސާލިމްގެ އިތުރުން އެ މިޝަންގައި ހިމެނިވަޑައިގެންނަވާ، ކޮލަންބޯގައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު ހުސައިން ޝިހާބުގެ ދަރިކަލުން، ހަސަން ހުސެއިން ޝިހާބް ވެސް ފަސްޓް ސެކެޓްރީއަކަށް ހަމަޖައްސަވާފައިވާ ކަމަށެވެ. އެ ދެ ބޭފުޅުން ވެސް ކުރިން ތިއްބެވީ މިޝަންގެ އެޑްވައިޒަރުންގެ މަގާމުގަ އެވެ.

އޭގެއިތުރުން އެ މިޝަންގައި ފާއިތުވި ތިން އަހަރު ދުވަހު ސެކެންޑް ސެކެޓްރީއެއްްގެ މަގާމު އަދާ ކުރެއްވި، ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ ކޮއްކޮ ޖާވިދު ފައިސަލް އެމިޝަންގެ ކައުންސިލަރަކަށް ހަމަަޖައްސަވައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

އެ ތިން މަގާމަކީ ވެސް ދައުލަތުން މުސާރަ އާއި އެލަވަންސް ކަނޑައަޅާފައިވާ ސިޔާސީ މަގާމުތަކެއް ކަަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ސާލިމް އެ މަގާމަށް ހަމަޖައްސާފައި ވަނީ ރައީސް ވަހީދުގެ ދަރިކަލަކަށް ވެގެން ނޫން ކަމަށާއި އެއީ ކުރިން ވެސް ހަމަޖެހިފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.

"އެއީ ކުރިން ސަރުކާރުގައި ވެސް ހަމަޖެހިފައި އޮތް ކަމެއް. އެ ދެ ބޭފުޅުން ވެސް ތިއްބެވީ އެއް މަގާމެއްގައި. މިއީ ވަކި މިސަރުކާރު އައިސްގެން، ރައީސްގެ ބޭފުޅަކު ވެގެން އައި ބަދަލެއް ނޫން." އައްބާސް ވިދާޅުވި އެވެ.