13 Jun 2022, 09:04
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާކާޑާ ގުޅިގެން ރާއްޖޭގައި އިންޓަގްރޭޓެޑް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމްކުރަން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ޓްރާންސްޕޯޓް ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން އުފައްދާ މާސްޓަކާޑު ވެގެންދާނީ ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް) ދަށުން ޓްރާންސިޓް ކާޑުގެ އެކްސްކުލޫސިވް ޕޭމަންޓް ނެޓްވޯކަކަށެވެ. މާސްޓަކާޑްއިން ޓްރާންސިޓްއާ ގުޅުން ހުރި ޕޭމަންޓް ހެދުމަށް ބީއެމްއެލްއިން ގަބޫލުކުރާ އެހެން ހުރިހާ ނެޓްވޯކެއް މެދުވެރިކޮށް ޕޭމަންޓް ހެދޭނެ ނިޒާމްވެސް ގާއިމްކޮށްދޭނެއެވެ.
އޭރުން އޯޕަން ލޫޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން، ދަތުރު ކުރާ މީހުން ފައިސާ ދެއްކުމަށް ގިނަ ކާޑުތަކެއް ބޭނުންނުކޮށް އެއް ކާޑަކުން ފައިސާގެ ހުރިހާ މުއާމަލާތެއް ކުރެވޭނެއެވެ. މި ކާޑު ޓޮޕް އަޕް ކުރުމަށް އިތުރު އިންފްރާސްޓްރަކްޗާ ބޭނުން ކުރަން ނުޖެހުމާއެކު ދަތުރުވެރިންނަށް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ. މިއާއެކު ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަކަން ލިބި ޚިދުމަތާމެދު ހިތްހަމަޖެހުން ލިބޭނެއެވެ.
އޯޕަން ލޫޕް ސިސްޓަމުގެ އެހީގައި މުވައްސަސާތަކަށް ދަތުރުކުރާ މީހުންގެ އަދަދު ތަކާއި އިތުރު އެހެނިހެން މައުލޫމާތު ވަގުތުން ބަލާލެވޭނެއެވެ. މިކަމުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަގުފަހިވާނެއެވެ.
ދާދި ފަހުން އިފްތިތާހު ކުރި މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި، ހދ. އަތޮޅުގެ 14 ރަށެއް ވަނީ އޯޕަން ލޫޕް ޓެކްނޮލޮޖީއާ ގުޅާލާފައެވެ. އަދި ކަނެކްޓިވިޓީގެ މަސައްކަތް ނިމުމަކަށް އަންނައިރު، މި ޓްރާންސިޓް ސޮލިއުޝަން މެދުވެރިކޮށް 41 ރަށެއް ގުޅާލެވޭނެއެވެ. މި ޕްރޮޖެކްޓްގެ ކުރިއަށް އޮތް ފިޔަވަހީގައި، މާލެ އަދި ހުޅުމާލެއަށް އޯޕަން ޓެކްނޮލޮޖީ ފުޅާކުރެވި ބަސް އަދި ފެރީގެ ޚިދުމަތް ހިމެނޭނެއެވެ.
މި ޕާޓްނާޝިޕްއާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި، އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ މުހިންމުކަން ހާމަވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތައް މިހާރު ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާސްޓާކާޑާ ގުޅިގެން ސަރުކާރުގެ އަމާޒާ އެއްގޮތަށް މާލެ ސިޓީ ސްމާޓް ސިޓީ އަކަށް ބަދަލުކުރުމަށް އެންމެ ފަހުގެ އޯޕަން ލޫޕް ޓެކްނޮލޮޖީގެ އެހީގައި މިކަން ހަގީގަތަކަށް ވާނެކަމަކާމެދު އަޅުގަނޑުގެ ޔަގީންކަން އެބައޮތް. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެންގެ ސަރވިސް ޕްރޮވައިޑާ އެސްސީ ސޮފްޓް ޕްރައިވެޓް ލިމިޓެޑް ވެދެއްވި އެހީއަށް އަޅުގަނޑު ޝުކުރުދަންނަވަން،" އާޒިމް ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ މިކަމާގުޅިގެން ވިދާޅުވީ މާސްޓާކާޑާއެކު ބީއެމްއެލްއިން ދަމަހައްޓަމުންގެންދާ ޕާޓްނާޝިޕް އިތުރަށް ފުޅާކޮށް އެމްޓީސީސީގެ ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވޭ އޯޕަން ލޫޕް ޓްރާންސިޓް ކާޑު ތައާރަފް ކުރެވޭކަމީ ބީއެމްއެލްއަށް ލިބޭ އުފަލެއްކަމަށެވެ.
"ކޮންޓެކްޓްލެސް ޕޭމަންޓް ބޭނުންކުރަން ފެށުމާއެކު ޕޭމަންޓް ލޭންޑްސްކޭޕް މިދަނީ ހަލުވިކަމާއެކީ ކުރިއަރަމުން. ރާއްޖޭގެ އެންމެ ބޮޑު ބޭންކު ގޮތުގައި ބީއެމްއެލް އޮތްއިރު، ކަސްޓަމަރުން ބޭނުންވާފަދަ ފަސޭހަކަން ހޯދައިދިނުމަށް އަޅުގަނޑުމެން އަބަދުވެސް އީޖާދީ އަދި ޑިޖިޓަލް ސޮލިއުޝަންސް ހޯދުމަށް މިދަނީ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވިއެވެ.