13 Jun 2022, 09:34
އިނގިރޭސި ޕްރިމިއާ ލީގަށް އަންނަ ސީޒަނަށް ޕްރޮމޯޓްވި ފުލްހަމްގެ ޓީމު ވަރުގަދަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އާސެނަލްގެ ކީޕަރު ބާންޑު ލެނޯ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ލެނޯއަކީ ބަޔާން ލިވަކޫސަން އިން 2018 ވަނަ އަހަރު އާސެނަލަށް ގެނައި ޖަރުމަނުގެ ކުޅުންތެރިއެކެވެ. 2020 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އެ ޓީމުން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗާ ހަމައަށް އޭނާ ވަނީ އެ ޓީމުގެ ފުރަތަމަ ގޯލްކީޕަރުގެ ގޮތުގައި މޮޅު ކުޅުމެއް ކުޅެފައެވެ.
ނަމަވެސް އެ މެޗުގައި ލެނޯއަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފައެވެ. އަދި އެ ފުރުސަތުގެ ބޭނުންހިފައި އޭރު އެ ޓީމުގެ ޑަބަލް ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި އެ ޓީމުގެ އެ ސީޒަނުގެ ފުރަތަމަ ކީޕަރުގެ މަގާމު ހޯދައިފައެވެ.
މީގެ އިތުރުން އެ ޓީމަށް ގެނައި އިނގިރޭސި ޒުވާން ގޯލްކީޕަރު އާރޮން ރަމްސްޑަލޭ އެ ޓީމާ ގުޅި ވަނީ މޮޅު ކުޅުމެއް ދައްކައި ލެނޯ ބެންޗުގައި އިނުމަށް މަޖުބޫރުކޮށްފައެވެ.
އެހެންކަމުން ލެނޯއަށް މެޗުތަކުން ފުރުސަތު ހޯދުމަށް އެހެންޓީމަކަށް ބަދަލުވާންވަނީ ޖެހިފައެވެ. މިދިޔަ ސީޒަނުގައި ލެނޯއަށް ފުރުސަތު ލިބިފައިވަނީ އެންމެ އަށް މެޗުންނެވެ.
މީގެއިތުރުން އެމެރިކާގެ ގޯލްކީޕަރު މެޓް ޓާނާ މި ޓްރާންސްފާ މާކެޓުގައި އެ ޓީމާ ގުޅޭނެއެވެ. އެކަމުގެ ސަބަބުން ލެނޯއަށް ޓީމުން ލިބޭނީ ތިންވަނަ ކީޕަރުގެ މަގާމެވެ.
އުމުރުން 30 އަހަރުގެ ލެނޯ ފުރުސަތު ހޯދުމަށް މި ޓްރާންސްފާ މާކެޓުގައި އާސެނަލް ދޫކޮށްލާނެކަމަށް ގިނަ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.