ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ ޓިއުބަކިއުލޯސިސް (ޓީބީ) ޖެހިގެން ދެކުނު އޭޝިއާ ސަރަހައްދުން ކޮންމެ އަހަރަކު ބައިމިލިޔަނެއްހާ މީހުން މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

މިއަދު ދުނިޔޭގައި ފާހަގަކުރާ ޓީބީ ދުވަހާއި ދިމާކޮށް ޑަބްލިއުއެޗްއޯއިން އާންމުކުރި ބަޔާނެއްގައި ބުނަނީ ބަލިޖެހޭކަން ދެނެގަތުމާއި ފަރުވާ ކުރުމުގެ ކަންތައްތައް ރަނގަޅުކުރެވިފައި ވާތީ ، ދެކުނު އޭޝިއާ ސަރަހައްދުގައި ޓީބީ ޖެހޭ މީހުންގެ އަދަދު 1990 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 40 ޕަސެންޓަށް ދަށް ވެފައިވާ ކަމަށެވެ. ނަމަވެސް އަހަރެއްގެ މައްޗަށް ބައިމިލިޔަނެއްހާ މީހުން ކޮންމެ އަހަރަކު ޓީބީގައި މަރުވާ ކަމަށެވެ.

ޓީބީ ޖެހޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ދެކުނު އޭޝިއާ ސަރަހައްދުން ބަލި ޖެހޭ މީހުންނެވެ. އަދި އޭގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި މީހުންނަކީ އިންޑިޔާމީހުންނެވެ.

ދުނިޔޭގެ ޓީބީ ދުވަސް ފާހަގަކުރާއިރު ޑަބްލިއު އެޗްއޯއިން އިލްތިމާސްކޮށްފައިވަނީ މުޖުތަމައުގެ ހުރިހާ އެންމެން ގުޅިގެން އެބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށެވެ.

ޑަބްލިއުއެޗްއޯ ރީޖަނަލް ޑައިރެކްޓަރ ޝަމްލީ ޕްލިއަން ބަންޗަން ވިދާޅުވެފައި ވަނީ ރައްޔިތުންގެ ބައިވެރިވުމާއި ބާރުވެރިކުރުވުމަކީ ޕްރައިމަރީ ހެލްތު ކެއާގެ ބައެއް ކަމަށާއި ޓީބީ ނައްތާލުމަށްވެސް އެ މަގުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"... 1990 ވަނަ އަހަރުން ފެށިގެން ޓީބީ ޖެހިފައިވާކަން ދެނެގަނެވުނު ކޭސްތަކުގެ 25 ޕަސެންޓަކީ އެންޖީއޯތަކާއި އަމިއްލަ ހޮސްޕިޓަލްތަކާ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ. އެގޮތުން ހޯދުނު 90 ޕަސެންޓް މީހުންނަށް ފަރުވާކޮށް ކާމިޔާބުކަމާ އެކު ރަނގަޅު ކުރެވިފައިވޭ،" ޑައިރެކްޓަރ ޝަމްލީ ވިދާޅުވެފައިވެ އެވެ.

ޑަބްލިއުއެޗްއޯގެ ދެނުކު އިރުމަތީ އޭޝިއާގެ މިއަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން މިސަރަހައްދުގައި ޓީބީ ޖެހިފައިވާ ފަސް މިލިޔަން މީހުން ރަޖިސްޓްރީކޮށްފައި ވެއެވެ. އަދި ޓީބީ ޖެހިގެން މަރުވާމީހުންގެ އަދަދު ކުރިއަށް ވުރެ މަދުކުރެވުނަސް ކޮންމެ އަހަރަކު މިސަރަހައްދުން ބައިމިލިޔަނަށް ވުރެ ގިނަމީހުން އެބަލީގައި މަރު ވެއެވެ.