12 Jun 2022, 21:42
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022"އަށް ކުރިމަތިލުމުގެ މުއްދަތު އެ ކޮމިޝަނުން އިތުރުކޮށްފިއެވެ.
މުއްދަތު އިތުރު ކޮށްފައި ވަނީ، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ.
ބްރޯޑްކޮމް އިން ކުރި ބުނީ، އެވޯޑަށް ކުރިމަތި ލުމުގެ މުއްދަތު އިތުރު ކުރީ، އެވޯޑުގައި ހިމެނޭ ބައެއް ކެޓަގަރީތަކަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން ބައެއް ބްރޯޑްކާސްޓަރުންނަށް މި އެވޯޑްތަކަށް ކުރިމަތިލުމަށް ހުރަސްތަކެއް ހުރި ކަމަށް ކޮމިޝަނަށް ފާހަގަވުމާ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން، ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ބްރޯޑްކާސްޓަރުންނަށް މާލީގޮތުން ދަތިތަކެއް ކުރިމަތިވެފައިވާތީއާއި މިއީ ދިވެހިރާއްޖޭގައި މިފަދައިން ބޭއްވޭ އެންމެ ފުރަތަމަ އެވޯޑަށް ވާތީ، ވީހާވެސް ގިނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން، އެވޯޑަށް ކުރިމަތިލުމުގެ ބައެއް ޝަރުތުތަކަށް މިއަހަރު ޢަމަލު ނުކުރުމަށް ކޮމިޝަނުން ނިންމީ ކަމަށެވެ.
އެހެންކަމުން، "މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑު ދިނުމުގެ އުޞޫލު" ގެ ހަތް ވަނަ މާއްދާގެ ދަށުގައިވާ، އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވުމާއި، އަހަރީ ފީ އަދި ޖޫރިމަނާ ދައްކާފައިނުވުމަށް މިއަހަރު ޢަމަލު ނުކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މައިގަނޑު ތިން ދާއިރާއަކުން އެވޯޑް ދިނުމަށް ނިންމާފައިވާއިރު ބްރޯޑްކޮމް އިން ބުނީ މި އެވޯޑުގައި ހިމެނޭ ކެޓަގަރީ ތަކަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ތަފްސީލާއި އެޕްލިކޭޝަން ފޯމް "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުޞޫލު" ގައި، ބަޔާންކޮށްފައިވެއެވެ. މި އުސޫލު ކޮމިޝަނުގެވެބްސައިޓުންލިބެން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.