12 Jun 2022, 21:59
މިމަހުގެ 25 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ގާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ ބާ އިމްތިހާން ލަސްކޮށްދިނުމަށް ބާ ކައުންސިލްގެ އިންތިޚާބީ ރައީސާއި ނައިބު ރައީސް، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެދިއްޖެއެވެ.
ބާ ކައުންސިލްގެ އިންތިޚާބީ ރައީސް އިސްމާއީލް ވިޝަމާއި ނައިބު ރައީސް މިޒްނާ އަޙްމަދު ސޮއިކުރައްވައި އެ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް އިއްޔެ އިންތިޚާބުވި މެމްބަރުންގެ ވައުދުތަކުތެރޭގައި މިމަހު ބާއްވަން ހަމަޖެހިފައިވާ ބާ އިމްތިހާނަށް އަސަރުކުރާނެ ކަންތައްތަކެއް ހިމެނޭކަމަށެވެ.
އެގޮތުން އެ ވައުދުތަކުގެ ތެރޭގައި 2020ވަނަ އަހަރު ބާ ކައުންސިލުން ކުރިއަށް ގެންދިޔަ 'ސްޕެޝަލް ލައިސަންސް ޓްރެއިނިން ޕްރޮގްރާމް'ގެ ދަށުން ބޭއްވި އިމްތިހާނުން ފާސްވެ، ވަކާލާތުކުރުމުގެ ހުއްދަ ދީފައިވާ ވަކީލުން އަލުން ބާ އެގްޒާމްގައި ބައިވެރިނުވެ، ވަކާލާތުކޮށްގެން ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނެއެވެ. އަދި ބާ އެގްޒާމްގައި ބައިވެރިވާން ފީ ދައްކާފައިވާ ދަރިވަރުންގެ ތެރެއިން، ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ދަރިވަރުންނަށް އެގްޒާމް ފީ ރައްދުކޮށްދިނުން ވެސް ހިމެނެއެވެ.
ބާ އިމްތިހާނުގައި ބައިވެރިވުމަށް ޝަރުތު ހަމަވާ 1000އަށް ވުރެ ގިނަ ދަސްވެނިން ތިބިއިރު، މި މަހަށް ތާވަލުކޮށްފައިވާ އިމްތިހާނުގައި ބައިވެރިވަނީ މަދު އަދަދެއްގެ ދަސްވެނިންކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މިކަމަކީ އިމްތިހާނުގެ ފީ ބޮޑުވުމާއި އިމްތިހާނު ފަރުމާކުރުމުގައި ގެންގުޅެފައިވާ ސިޔާސަތާ ގުޅުންހުރި ކަމެއްކަމަށް ބުނެ ދަސްވެނިން ހުށަހަޅާފައިވާ ޝަކުވާތަކާމެދު ގޮތެއް ނިންމުމަކީ ވެސް ވައުދެކެވެ.
ބާ އިމްތިހާނުގައި ބައިވެރިވުމަށް އެ ކައުންސިލުން ކަނޑައަޅާފައިވާ ފީ ކުޑަކުރުމަކީ ވެސް އެގްޒެކެޓިވް ކޮމިޓީއަށް ހޮވުނު އާ މެމްބަރުންގެ ވައުދެކެވެ.
މީގެއިތުން އެ ވައުދުތަކުގެ ތެރޭގައި ބާ އިމްތިހާންގެ އިމްތިހާނު ފީ ކުޑަކުރުމުގެ ސަބަބުން ފީ ދައްކާފައިވާ ދަރިވަރުން އިތުރަށް ދައްކާފައިވާ ފީ އެ މީހުނަށް ރައްދުކޮށްދިނުން ހިމެނެއެވެ. އަދި އިމްތިހާނުގެ ފީ ކުޑަކުރުމުގެ ސަބަބުން، އައު ފީ އާއެކު ބާ އިމްތިހާނުގައި ބައިވެރިވެވޭ ބޭފުޅުން ބާ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން ހިމެނެއެވެ.
ދެހާސް ނަވާރަ އިން ފެށިގެން މި އަހަރާ ދޭތެރޭ ލޯ ޑިގްރީ ނިންމި ދަސްވެނިން ޑިގްރީ ނިންމާފައިވަނީ ބާ އިމްތިހާނުގެ ސިލަބަސް ވުޖޫދުގައި ނެތީސް އެހެން ސިލިބަހެއްގެ މައްޗަށެވެ. އެހެންކަމުން އާ ސިލަބަހެއްގެ މައްޗަށް ބާ އިމްތިހާންގައި ބައިވެރިވާން ޖެހުމަކީ ގާނޫނު އަސާސީއާ ޚިލާފުކަމެއްކަން ބުނެ އެ ދަސްވެނިން ވަނީ ޝަކުވާ ހުށަހަޅާފައެވެ. އެ ޝަކުވާތަކާ މެދު ގޮތެއް ނިންމުމަކީ ވެސް އާ އެގްޒެކެޓިވް ކޮމިޓީން ބޭނުންވާ ކަމެއް ކަމަށް އެ ސިޓީގައިވެއެވެ.
އަދި މިހާރު ހަމަޖެހިފައިވާ އުސޫލުން އިނގިރޭސި ބަހާއި ދިވެހި ބަސް މަސްހުނިކޮށްގެން ބާ އިމްތިހާނު ކުރިއަށްގެންދިއުމުގެ ބަދަލުގައި އިމްތިހާނުގެ ބައިވެރިން އެދޭގޮތަކަށް ބަލައި ދިވެހި ބަހުން ނުވަތަ އިނގިރޭސިބަހުން އިމްތިހާނު ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމަކީ ވެސް ބާ ކައުންސިލްގެ އާ އެގްޒެކެޓިވް ކޮމިޓީގެ ވައުދެކެވެ.
އެހެންކަމުން އެ ސިޓީގައި ވަނީ އައު އެގްޒެކެޓިވް ކޮމިޓީގެ ވައުދުތަކަށް ހުރަސް ނޭޅޭނޭ ގޮތަކަށް އެގްޒެކެޓިވް ކޮމިޓީގެ އަމަލުތަށް ބަހައްޓައިދިނުމަށް އެދިފައެވެ. އަދި ކޮމިޓީގެ މެމްބަރުން ވެފައިވާ އިންތިޚާބީ ވައުދުތައް ތަންފީޒުކުރުމަށާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމާ ހަމައަށް މިމަހުގެ 25ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ބާ އިމްތިހާން ފަސްކޮށްދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.