24 Jul 2010, 09:13
14:30
ކުޑަކުދިންގެ ހިޔާއަށް އަމާޒުކޮށްގެން ހިންގާ "މެޑިކަލް އެސިސްޓެންސް ޕްރޮގްރާމް" އަދި އައިޖީއެމްޗްގެ "ބްލަޑް ޑޮނޭޝަން ކޭމްޕް" އިންޑިއާގެ މަޝްހޫރު ފިލްމީ ބަތަލު ސަލްމާން ޚާން މިއަދު ލޯންޗްކޮށްދީފިއެވެ.
އިންޑިއަން ހައިކޮމިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ "އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލް" ގެ ދަށުން ހިންގާ ތަފާތު ހަރަކާތްތަކުގެ ތެރެއިން، ކުޑަކުދިންގެ ހިޔާއަށް ސިއްޚީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޑިއާ ކްލަބުން އިސްނަގައިގެން ތައާރަފްކޮށްފައިވާ "މެޑިކަލް އެސިސްޓެންސް ޕްރޮގްރާމް" މިއަދު ހެނދުނު ކުޑަކުދިންގެ ހިޔާގައި އޮތް ރަސްމިއްޔާތެއްގައި ސަލްމާން ޚާން ވަނީ ލޯންޗްކޮށްދީފައެވެ.
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޑރ.އަމިނަތު ޖަމީލާއި އިންޑިއަން ހައިކޮމިޝަނަރ ޑީ.އެމް މުލޭ ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސަލްމާން ޚާން ބުނީ، އޭނާ ހުރީ ވެވެން އޮތް ކޮންމެ ގޮތަކުން ރާއްޖެއަށް އެހީތެރިވުމަށް ތައްޔާރަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއަން ހައިކޮމިޝަނަރ މުލޭ ވިދާޅުވީ، މެޑިކަލް އެސިސްޓެންސް ޕްރޮގްރާމްގެ ދަށުން އިންޑިއާގެ ޑޮކްޓަރުން ވޮލިންޓަރީ ބޭސިސްއެއްގައި ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށް، ކުދިންނަށް ސިއްޚީ ޚިދުމަތްދެމުން އަންނާނެ ކަމަށެވެ.
މި ރަސްމިއްޔާތަށްފަހު ދެން އޮތީ އައިޖީއެމްޗްގައި ކުރިއަށްދާ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް "ބްލަޑް ޑޮނޭޝަން ކޭމްޕް" ލޯންޗްކުރުމެވެ. އެގޮތުން މިއަދު މެންދުރު އެ ކޭމްޕް ހުޅުވައިދިނުމަށްފަހު ސަލްމާން ޚާން ވަނީ ލޭ ވެސް ހަދިޔާކޮށްފައެވެ.
އިންޑިއާ މޯލްޑިވްސް ފްރެންޑިޝިޕް ފެސްޓިވަލް ރަސްމީކޮށް ހުޅުވާދެއްވާނީ މިރޭ ދަރުބާރުގޭގައި އޮންނަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުންޏެވެ. މި ރަސްމިއްޔާތުގައި ވެސް ސަލްމާން ޚާން ބައިވެރިވާނެ ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުންޏެވެ.