12 Jun 2022, 14:18
ކިޔަވައިދޭ ވަގުތުތަކުގައި ހުރިހާ ސްކޫލުތަކުގެ ގޭޓުތައް ތަޅުލާފައި ބެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި އެންގުމެއްގައި ވަނީ، މިހާރު ވެސް ސްކޫލްތަކުގައި އަމަލުކުރަމުން އަންނަ އުސޫލުގެ މަތިން، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގޭޓު ބެލެހެއްޓުމަށް ސެކިއުރިޓީއެއް ބަހައްޓަން ޖެހޭނެ ކަމަށެވެ.
ކިޔަވައިދެމުންދާ ވަގުތުތަކުގައި ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުންނަށް ސްކޫލަށް ވަދެ ނުކުތުމަށް ވަކި އުސޫލުތަކަކާއި އިންތިޒާމްތައް ހަމަޖައްސަން ވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މިނިސްޓްރީން ވަނީ ހުރިހާ ބެލެނިވެރިންގެ އަތުގައި ވެސް ބެލެނިވެރިންނަށް ޚާއްޞަ ކާޑު އޮތްކަން ކަށަވަރު ކުރުމަށް އަންގާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެގޮތަށް އެންގީ، މިދިޔަ މަހުގެ 24ގައި ވަޅި ހިފައިގެން ހުރި މީހަކު ޖަމާލުއްދީން ސުކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއް ފެންމަތިވި ފަހުންނެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު "ސަން"އަށް ވިދާޅުވެފައިވަނީ އެ މައްސަލާގައި އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އަޅާނީ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
ޔޫނުސް ވިދާޅުވީ ސުކޫލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ ފުލުހުން ވަރަށް ބޮޑު ސަމާލުކަމެއްދޭ ކަމެއް ކަމަށާއި އަބަދުވެސް ސުކޫލުތަކުގެ އިސްވެރިންނާ މަޝްވަރާ ކޮށްގެން ކުދިންގެ ރައްކާތެރިކަން ދަމައްޓަން ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ވަނީ އެ ހާދިސާ ހިނގި ދުވަހު ހައްޔަރުކޮށްފައެވެ.