ސަރުކާރާ ގުޅުން ހުރި ވިޔަފާރިވެރިންގެ ރިސޯޓްތައް ބޮއިކޮޓް ކުރަން ގޮވާލައި"މޯލްޑިވްސް ޓްރެވަލް އެޑްވައިޒަރީ"ގެ ނަމުގައި ވެބްސައިޓެއް ހިންގަންފަށައިފި އެވެ.

ރާއްޖެއަކީ އަދިވެސް އަމާން މަންޒިލެއް ކަމަށް އެވެބްސައިޓުގައި ބުނަމުން ބުނެފައި ވަނީ ޑިމޮކްރަސީއާ ދެކޮޅަށް މަސައްކަތްކުރާ ވިޔަފާރިވެރިންގެ ރިސޯޓްތަކާއި "ދުރުވާން ޖެހޭ" ކަމަށެވެ.

އެގޮތުން އެ ވެބްސައިޓުގައި ފާހަގަކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ 11 ރިސޯޓަކާއި ނައިބު ރައީސް ކަމަށް އައްޔަންކުރައްވާފައިވާ މުހަންމަދު ވަހީދުއްދީން (ޑީން)ގެ ބަޑޮސް އައިލެންޑް ރިސޯޓެވެ.

"ދުރުވާންޖެހޭ" ލިސްޓަށް އަރުވަން ވިސްނަމުން ދާކަމަށް ބުނެފައި ވަނީ 12 ރިސޯޓެކެވެ. އެއީ ޗަމްޕާ ހުސެއިން އަފީފުގެ ހަތް ރިސޯޓަކާއި ސޮލާހް ޝިހާބުގެ ރިސޯޓަކާއި އަބްދުﷲ ޖާބިރުގެ ދެ ރިސޯޓަކާއި ޑީންގެ ރިސޯޓަކާއި އަދި ގާސިމްގެ ރިސޯޓެކެވެ.

އެ ރިސޯޓްތަށް ފިޔަވައި ދެން ހުރި ރިސޯޓްތަކަކީ "ޒިޔާރަތް ކުރުން އަމާން ރިސޯޓްތަށްކަމަށް" ވަނީ ބުނެފަ އެވެ.
އެ ވެބްސައިޓުގައި އަވަސް އިންތިހާބަކަށް ގޮވާލައި ޕެޓިޝަނެއް ހިމަނާފައިވާ އިރު ދުނިޔޭގެ ސަމާލުކަމަށް ރާއްޖޭގެ ކަންކަން ގެނައުމަށް ހިޔާލުފޮނުވުމަށް ލިންކްތަކެއް ވެސް ހިމަނާފައިވެ އެވެ.

ފެބުރުއަރީ ހަތް ވަނަ ދުވަހު ވެރިކަން ވެއްޓުމާ އެކު އިނގިރޭސިވިލާތުގެ ބައެއް ޖަމާއަތްތަކުން އަންނަނީ ރާއްޖޭގެ ޓޫރިޒަމް ބޮޔެކޮޓް ކުރުމަށް ގޮވާލައި ޓްރެވަލް އެޑްވައިޒަރީނެރެ ނެގެޓިވް ކެމްޕޭންތައް ކުރަމުންނެވެ.