ނ. އަތޮޅުން 50 ޒުވާނުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް ސޮއިކޮށްފިއެވެ.

އެމްޑީއޭގެ ނައިބު ލީޑަރު ޑރ، ޢާއިޝަތު ރަފިއްޔާ ވިދާޅުވީ 'ސިޔާމް ވޯލްޑް'ގައި ރޭ ބޭއްްވި ހަފްލާއެއްގައި އެ ޕާޓީއަށް ގިނަ އަދަދެއްގެ ޒުވާނުން ސޮއި ކޮށްފައިވާ ކަމަށެވެ. އަދި އެ އަތޮޅުން ފާއިތުވި ދެ ދުވަހު 300އެއްހާ މީހުން އެ ޕާޓީއަށް ސޮއި ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީއޭއަށް ސޮއި ކުރި މީހުންގެ ތެރޭގައި ނ. ފޮއްދޫ ކައުންސިލުގެ ނައިބު ރައީސް އަޙްމަދު އިމްރާހުއާއި ފެނަކައިގެ ކުރީގެ ރީޖަނަލް މެނޭޖަރު މުޙައްމަދު ފާއިޒް ހިމެނެއެވެ.

'ސަން'އަށް މައުލޫމާތު ދެއްވަމުން އިމްރާހު ވިދާޅުވީ އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމްއަކީ އެ އަތޮޅަށް ވަރަށް ގިނަ ޚިދުމަތްތައް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. ވުމާއެކު ރަށުގެ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ އެ ޕާޓީއާއެކު ކުރިއަށް ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނ. ފޮއްދޫ ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު އިމްރާހު އެމްޑީއޭ އަށް ސޮއި ކުރައްވާ ފޯމު ހަވާލު ކުރައްވަނީ

އެމްޑީއޭއަކީ އުއްމީދީ ޕާޓީއެއްކަން ފާހަގަކުރައްވާ ފާއިޒު 'ސަން'އަށް ވިދާޅުވީ އެމްޑީއޭގެ ލީޑަރު ސިޔާމްއަކީ ސިޔާސީ ގޮތުން ފަސްބައި ސާފު ލީޑަރެއް ކަމަށެވެ.

ފެނަކައިގެ ކުރީގެ ރީޖަނަލް މެނޭޖަރު މުޙައްމަދު ފާއިޒް އެމްޑީއޭ އަށް ސޮއި ކުރައްވާ ފޯމު ހަވާލު ކުރައްވަނީ

"ސިޔާމް އަކީ ނ. އަތޮޅުގެ ގިނަ ރައްޔިތުންތަކަކަށް އެހީތެރިވެފައިވާ ބޭފުޅެއް. އަދި އެއީ ރިސޯޓުތަކުގެ ސްޓާފުންނަށް ވެސް ވަރަށް ރަނގަޅު ބޭފުޅެއް،" ފާއިޒު ވިދާޅުވިއެވެ.