24 Mar 2012, 13:53
ދިނީ އިލްމުވެރިންގެ ދެވަނަ މަހާސިންތާ އަންނަ ޖުލައި މަހު ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދީނީ އިލްމްވެރިންގެ ދެވަނަ މާހާސިންތާ އަންނަ ޖުލައި މަހުގެ ތެރޭގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށާއި އެ މަހާސިންތާ މައިގަނޑު ގޮތެއްގައި އަމާޒު ކުރާނީ އިސްލާމްދީނާމެދު ބައެއް ފަރާތްތަކުންކުރާ ކުށްހީ ތަކުގެ މައްޗަށް ކަމަށެވެ. މަހާސިންތާ ބާއްވާ ތާރީހެއް ވިދާޅެއް ނުވެއެވެ.
މިނިސްޓަރު ވިދާޅުވީ ދެވަނަ މާހާސިންތާއިން ތަފާތުތަކެއް ފެނިގެންދާނެ ކަމަށާއި ކުރިއާ ހިލާފަށް މަހާސިންތާގެ އަޑު އެހުމަށް މިފަހަރު އާންމުނަށާއި ނޫސްވެރިންނަށް ހުޅުވާލައްވާނެ ކަމަށެވެ.
މީގެ އިތުރުން ބޭރުގެ އެކި ފަރާތްތަކަށް ދައުވަތު ދެއްވާނެ ކަމަށާއި މަހާސިންތާ އިފްތިތާހު ކޮށްދެއްވުމަށް ވެސް ބޭރުގެ އިލްމްވެރިޔަކު ގެންނަން ފޮރިން މިނިސްޓްރީއާ މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިފަހަރު އާންމުންނަށް ވެސް ވަދެވޭނެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އާލިމުނަށް ވަނީ ދައުވަތު ދީފައި. މިހާރު މަސައްކަތް ކުރަމުންމިދަނީ މި މާހާސިންތާ އިފްތިތާހު ކޮށްދިނުމަށް ބޭރުގެ އިއްޒަތްތެރި އިލްމްވެރިއަކު ގެނެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭޕްރީލްގެ މަހާސިންތާގައި ކުރީގެ މަހާސިންތާއިން އިލްމްވެރިން ނިންމާގޮތްތައް އާންމު ކޮށް އިއުލާން ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ބޭއްވި މާހާސިންތާގައި ރާއްޖޭގެ 60 އަށްވުރެ ގިނަ އިލްމްވެރިން ބައިވެރިވެވަޑައިގެން ހިޔާލުތަފާތުވެފައިވާ ގިނަ ކަންކަމާމެދު ބަހުސްކޮށް އެއްބަސް ވުންތަކެއްވި އެވެ.