ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބައްލަވާ ގާޒީ އަޙްމަދު ޝަކީލްއާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ޙުސައިން ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަ އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.

ދަންވަރުގެ ވަގުތެއްގައި ޖޭއެސްސީއަށް ޝަކީލް ގެންގޮސް ހިސާން އަދި އެކޮމިޝަނުގެ މެންބަރު އިބްރާހީމް ރިއްފަތު އޭނައާ ބައްދަލުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ރޭ ކުރި ޓްވީޓެއްގައި ވަނީ, އެ ކޮމިޝަނުގެ ރައީސްއާ މެންބަރު ރިއްފަތު, ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީއާ ބައްދަލުކުރިކަމަށް ބުނެ މީޑިއާއަކުން ކޮށްފައިވާ ޓްވީޓް ދޮގުކުރާ ކަމަށެވެ.

"މި ކޮމިޝަނުގެ އަގު ވައްޓާލުމަށް އިތުބާރު ނުހިފޭ ދޮގު ޚަބަރު ފަތުރާތީ މިކަން ކުށްވެރިކޮށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމުގައި ދަންނަވަން," ޖޭއެސްސީން ރޭ ކުރި ޓްވީޓެއްގައިވެއެވެ.

ޓުއަރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް އެބަދެއެވެ.