ރިޔާސީ ޓިކެޓްގެ އުންމީދުގައި އެހެން ބޭފުޅުންނަސް ވެސް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވެ އަނެއްކާވެސް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ރައްދު ދެއްވައިފިއެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލާން ތައްޔާރަށް ހުންނެވިކަން ފުރަތަމަ ފަހަރަށް ރައީސް ޞާލިޙު އިއުލާނު ކުރެއްވުމާ އެކު ރައީސް ނަޝީދު ވަނީ އެކަމަށް ރައްދުދެއްވައި މިއީ ވެރިކަމަށް ފައިނަންގަވަންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ތިބޭ ވަޓަސްއެޕް ގުރޫޕަކަށް މިއަދު ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ އަނެއްކާވެސް ރައީސް ޞާލިހުގެ ނިންމުމަށް ޗެލެންޖު ކުރައްވާފައެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި 2023 ގައި ރިޔާސީ ކެންޑިޑޭޓް އެމްޑީޕީ އިން އަދި ނުނިންމާ އެހެން ނަމަވެސް ކެންޑިޑެސީގެ އުންމީދުގައި ހުރިހާ ބޭފުޅުންނަށްވެސް މަސައްކަތް ކުރެއްވޭނެ. ރައިސުލްޖުމްހޫރިއްޔާ ނޫން އެހެން ކެންޑިޑޭޓުން ވެސް ނުކުންނަވާ," ނަޝީދު ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހުގެ ކެންޑިޑެސީގެ އުންމީދު ގުޅިފައި އޮތީ ޖުމްހޫރީ ޕާޓީން ނިންނާ ނިންމުމެއްގެ މައްޗަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ, ރައީސް ޞާލިޙް ކެންޑިޑޭސީ އިއުލާނުކުރެއްވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން އެމަނިކުފާނާއެކު ތިއްބާވާނެ ކަމަށް ނިންމުމުން ކަމަށެވެ. ނަމަވެސް މަންޒަރު ފެނުނީ މުޅިން ތަފާތު ގޮތަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ނިކުންނަވާނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން އެމްޑީޕީން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާ ވެސް މަޝްވަރާކޮށްފައި ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރައިސުލްޖުމްހޫރިއްޔާ ކެންޑިޑެސީ އިއުލާނު ކުރެއްވުމާއެކު ފުރާވަޑައިގަތުމަށް ޖެހިވަޑައިގަތީ މާމިގިއްޔައް. އެހެނަސް ޖޭޕީ އަދި ގޮތެއް ނިންމިތަނެއް ނުފެނޭ. މިހާރު ރައިސުލްޖުމްހޫރިއްޔާގެ ކެންޑިޑެސީގެ އުންމީދު އެއްގޮތަކަށްވެސް ކުރިއަށް ގެންދެވޭނީ ޖޭޕީ ނިންމާ ގޮތެއްގެ މައްޗަށް," ނަޝީދު ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށްފަހު މިދިޔަ ބުދަ ދުވަހު ރައީސް ޞާލިޙު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ, އެމްޑީޕީއަށް ވެރިކަން ލިބެން އޮތީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އެކަން ކުރުމަށް އެމަނިކުފާނަކީ ޗޮއިސްއެއް ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވަނީ އިއުލާނު ކުރައްވާފައެވެ.

ރައީސް ވަނީ ގާސިމްއާ ބައްދަލުކުރެއްވުމަށް އިއްޔެ މާމިގިއްޔަށް ވަޑައިގަނެފައެވެ. ރައީސް މާމިގިއްޔަށް ވަޑައިގަތުމުން ޤާސިމް ވަނީ ރަތްދޫލައިން އެމަނިކުފާނަށް މަރުޙަބާވެސް ދަންނަވާފައެވެ. އަދި ސަން އައިލެންޑްގައި ދެ ބޭފުޅުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.